ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަރަންޓު ކެނޑި މިއަދު ބާއްވަން ތާވަލު ކުރި ޖަލްސާ ފެށުން ފަސްކޮށްފިއެވެ.

މަޖިލީހުން ކުރި ޓްވީޓެއްގައި ބުނީ، އެ އިދާރާއިން ކަރަންޓު ކެނޑުމާ ގުޅިގެން ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާތީ މިއަދު ބާއްވަން ހަމަޖެހިފައިވާ ޖަލްސާ ފެށުން ލަސްވެފައިވާ ކަމަށާއި މައްސަލަ ހައްލު ކުރެވުނުހާ އަވަހަކަށް މިއަދުގެ ޖަލްސާ ފަށާނެ ގަޑި އިއުލާން ކުރާނެ ކަމަށް ވެސް ޓްވީޓްގައި ބުނެފައިވެއެވެ.

މިއަދުގެ ޖަލްސާގައި ގިނަ ކަންތައްތަކެއް އެޖެންޑާކޮށްފައިވާއިރު، އޭގެ ތެރޭގައި ލޯކް ކައުންސިލް އިންތިހާބު ފަސް ކުރުމާއި މިހާރު ތިބި ކައުންސިލަރުންގެ ދައުރާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ބިލު ވެސް ހިމެނެއެވެ.

ކޮވިޑް-19 ގެ ސަބަބުން މީގެ ކުރިންވެސް ވަނީ މަޖިލީހުގެ ޖަލްސާތައް ހަފުތާއަކަށް ވެބް ކޮންފެރެންސް މެދުވެރިކޮށް ބާއްވާފައެވެ. އޭގެ ފަހުން މިދިޔަ ހަފުތާގައި ޖަލްސާތައް މެދުކަނޑާލި ނަމަވެސް އޭރު ޖަލްސާތައް މެދުކަނޑާލީ ކޮމިޓީގެ މަސައްކަތްތައް ގިނަވެފައި ވުމުން އާންމުކޮށް މަޖިލީހަށް މެންބަރުން އެއްވެ ޖަލްސާ ބޭއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށެވެ.

ހަފްތާއަކަށް މެދު ކެނޑުމަށް ފަހު މަޖިލީހުގެ ޖަލްސާތައް މި ހަފުތާ ފަށަން ނިންމައިި މިއަދުގެ ޖަލްސާ ތާވަލު ކުރީ ހެނދުނު 11:00 އަށެވެ. މި ހަފުތާގެ ޖަލްސާތައް ވެސް ކުރިއަށް ގެންދަން ނިންމާފައި ވަނީ ވެބް ކޮންފެރެންސް މެދުވެރިކޮށެވެ.