ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްޔިތުން ސަލާމަތްކުރުމުގައި އެންމެ ފަހު މީހާއާ ހަމައަށް ވެސް ދިވެހި ސިފައިން މަސައްކަތް ކުރާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
ސިފައިންގެ 128 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ވީޑިއޯއެއް މަދުވެރިކޮށް ދެއްވި މެސެޖެއްގައި ޝަމާލް ވިދާޅުވީ ކޮވިޑް-19 އިން ރައްޔިތުން ސަލާމަތްކުރަން ބޮޑެތި ގުރުބާނީތަކެއް ސިފައިން ވަމުން އަންނަ ކަމަށާއި ރައްޔިތުން ބަލިން ސަލާމަތް ކުރުމަށްޓަކައި ވެވެން އޮތް ހުރިހާ ގުރުބާނީއެއް ސިފައިން ވާނެ ކަމަށެވެ.
ކޮވިޑް-19 މާލޭގައި ފެތުރެމުން ދިއުމާ ގުޅިގެމް މާލެ ލޮކްޑައުން ކޮށްފައިވާ މި ދަނޑިވަޅުގައި އެއްތަނުން އަނެއް ތަނަށް މީހުން އުފުލުމާއި ކަރަންޓީން ކޮށްފައިވާ މީހުންގެ ކަންކަން އިންތިޒާމު ކުރުމުގެ އިތުރުން އެކިއެކި ފެސިލިޓީތައް މެނޭޖް ކުރުމާއި އެތަންތަން ތައްޔާރު ކުރުމުގައި ސިފައިން ހަރަކާތްތެރި ވާކަން ޝަމާލް ފާހަގަކުރެއްވިއެވެ.
ޝަމާލް ހާއްސަކޮށް ފާހަގަ ކުރައްވާފައި ވަނީ ސިފައިން ބޭރުގައި އާއިލާތަކާ ވަކިން، އާއިލާތައް ނުފެނި މަސައްކަތް ކުރަމުން އެގެންދަނީ ގައުމަށްޓަކާއި ރައްޔިތުންގެ ހިދުމަތުގައި ކަމެވެ.
މީގެ އިތުރުން މިދިޔަ އަހަރަކީ ސިފައިންގެއަށް ގިނަ ކުރިއެރުންތަކެއް ލިބުނު ފަހުރުވެރި އަހަރެއް ކަން ފާހަގަ ކުރައްވާ ޝަމާލް ވިދާޅުވީ ސިފައިންގެ މުޅި އޮޕަރޭޝަނަށް އާ ބަދަލުތަކެއް ގެނައުމާއި ވެލްފެއާ ކަންކަން ހަރުދާ ކުރުމުގެ އިތުރުން ރައްޔިތުންނާ އޮންނަ ގުޅުން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަމަށެވެ.
މިއަދަކީ ދިވެހި ސިފައިންގެ ހިދުމަތަށް 128 އަހަރު ފުރުނު ދުވަހެވެ. ދިވެހި ސިފައިން އުފެދުނީ ނޫރައްދީން ބަންޑާރައިންގެ ރަސްކަމުގައެވެ. ފުރަތަމަ ކޮމާންޑަރަކީ މީރުބަހުރު އިސްމާއީލް ދީދީއެވެ.