ގައުމަށް ދިމާވާ ކޮންމެ ހާދިސާއެއްގައިވެސް ދިވެހި ސިފައިން އަންނަނީ ނަމޫނާ ދައްކަމުންކަން ފާހަގަކުރައްވައި ސިފައިންގެ ހިދުމަތް ރަން އަކުރުން ފަވާލާ ކަމަށް ވިދާޅުވެ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދިވެހި ސިފައިންނަށް ޝުކުރު އަދާކުރައްވައިފިއެވެ.

ސިފައިންގެ 128 ވަނަ ދުވަހުގެ ތަހުނިޔާ ފޮނުއްވުމަށް ޓްވިޓާ މެދުވެރިކޮށް މިނިސްޓާ މާރިޔާ ފޮނުއްވި މެސެޖުގައި ވިދާޅުވީ ގައުމަށް ދިމާވާ ކޮންމެ ނުރައްކަލަކުން ރައްޔިތުން ސަލާމަތް ކޮށްދިނުމަށް އެންމެ ކުރީ ސަފުގައި ވާރެއާ އަވީގައި ސިފައިން ހަރަކާތްތެރިވަމުން ދާ ކަން ރައްޔިތުން ބަލައިގަންނަ ކަމަށެވެ.

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ފެތުރުނަ ނުދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ރެއާ ދުވާލު ވަރުބަލި ކަމެއް ނެތި އެންމެހާ ސިފައިން ހަރަކާތްތެރި ވަމުން ދާ ކަންވެސް މާރިޔާ ވަނީ ފާހަގަ ކުރައްވާފައެވެ.

އެމީހުންގެ ހިދުމަތް ރަން އަކުރުން ފަވާލަން
މިނިސްޓާ މާރިޔާ

އަދި ވޭތުވެ ދިޔަ އަހަރު ކުޅިވަރުން ސިފައިން ހޯދާފައިވާ ބައިނަލްއަގުވާމީ އަދި ގައުމީ ކާމިޔާބީތަކަށް މާރިޔާ ވަނީ ތައުރީފު ކުރައްވާފައެވެ. ސިފައިންގެ މި އަހަރުގެ ޝިއާރަކީ "ސިފައިންގެ ހިތްވަރު - ގައުމުގެ ސަލާމަތެ" ކަން ފާހަގަ ކުރައްވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ މި ޝިއާރު ވެސް ބިނާކޮށްފައި ވަނީ ރައްޔިތުންގެ ޝުއޫރުތަކުގެ މައްޗަށް ކަމަށެވެ.

ދިވެހި ސިފައިންގެ 128 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަ ކުރާއިރު ކޮވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުން ކޮށްފައިވާތީ ސިފައިން ތިބީ އެލާޓުގައެވެ. އަދި ގޭގެއަށް ތަކެތި ޑެލިވާ ކޮށްދިނުމާ އެމެޖެންސީ ހާލަތުގައި މީހުންނަށް އެހީވާން ސިފައިން ހަރަކާތްތެރި ވަމުން ދާއިރު، ސިފައިން ދިރިއުޅެމުން ގެންދަނީ އާއިލާތަކާ ދުރުގައި ސިފައިންގޭގައެވެ.