އިތުރު 13 މީހަކު މާލެއިން ޕޮޒިޓިވް ވެ، ޖުމްލަ 82 މީހުން ރާއްޖެއިން ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނެފިއެވެ. ޕޮޒިޓިވްވެފައި ވަނީ 8 ދިވެއްސަކާއި 5 ބިދޭސީއެކެވެ.

މިއާއެކު މާލެއިން ފެނުނު ޕޮޒިޓިވް ކޭސްތަކުގެ ޖުމްލަ އަދަދު ވަނީ 62 އަށް އަރާފައެވެ. މި މީހުން އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް ކުރެވެމުން ދާ ކަމަށްވެސް އެޗްޕީއޭން ބުނެއެވެ.

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދާއިރު ރާއްޖެއިން މިހާރު ވަނީ ޖުމްލަ 82 މީހަކު ޕޮޒިޓިވް ވެފައެވެ. އަދި މީގެ ތެރެއިން 16 މީހަކު ރަނގަޅުވެ، 2 މީހަކު ރާއްޖެއިން ފުރައިގެން ގޮސްފައި ވާއިރު، މި ބައްޔަށް މިހާރު 62 މީހަކު ދަނީ ރާއްޖޭގައި ފަރުވާ ހޯދަމުންނެވެ. އެއީ ރާއްޖެއިން ބޭރުގައި ހުރެފައި ރާއްޖެ އައި 2 ދިވެހިންނާއި، މާލެ އިން ޕޮޒިޓިވްވި 33 ދިވެހިންގެ އިތުރުން މާލެއިން ޕޮޒިޓިވްވި 29 ބިދޭސީންނެވެ.

މާލެ ސަރަހައްދުން ފުރަތަމަ ފަހަރަށް މި ބަލި ފެނިފައިވަނީ މިދިޔަ ބުދަ ދުވަހެވެ. އެގޮތުން ބުދަ ދުވަހު 1 ކޭސް ފެނިފައިވާއިރު، ބުރާސްފަތި ދުވަހު 2 ކޭސް، ހުކުރު ދުވަހު 5 ކޭސް އަދި ހޮނިހިރު ދުވަހު 7 ކޭސް ވަނީ މާލެއިން ފެނިފައެވެ. މީގެ އިތުރުން އިއްޔެ 17 ކޭސް ފެނިފައިވާއިރު އޭގެ ތެރެއިން 1 ކޭސް ވަނީ ހއ. އުލިގަމަށް ދަތުރުކޮށްފައެވެ. އަދި މިއަދު މި ބައްޔަށް ޕޮޒިޓިވްވެފައިވާ 15 ކޭހެއް މާލެ ތެރެއިން ފެނިފައިވާއިރު، ރޭ ވަނީ އިތުރު 2 ކޭހެއް ފެނިފައެވެ. އަދި މިއަދުގެ މިހާތަނަށް މި ވަނީ 13 ކޭސް އެއް ފެނިފައެވެ.