އޮންލައިން ވިޔަފާރީގެ ނުފޫޒު ގަދަ ކުންފުނި އަލީބާބާގެ ބާނީ ޖެކް މާގެ ދީލަތި އެހީއެއް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އަށް ދިނުމަށް ހަމަޖެހިފައިވާކަން ހާމަކޮށްފިއެވެ.

ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ވެއިބޯގައި އާންމުކުރި ޕޯސްޓެއްގައި ޖެކްމާ ބުނީ އޭނާއާއި އަލީބާބާގެ ނަމުގައި 100 މިލިއަން ކްލިނިކަލް މާސްކް އަދި 1 މިލިއަން އެން095 މާސްކު، އަދި 1 މިލިއަން ޓެސްޓު ކިޓް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ހަދިޔާ ކުރާނެ ކަމަށެވެ.

މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ގުޅިގެން މާއާއި އަލީބާބާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރެއް ނޫނެވެ. ޗައިނާގެ އިތުރުން، އެމެރިކާ އަދި އެފްރިކާގެ ގައުމުތަކަށްވެސް މާ ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ރާއްޖެއަށްވެސް އެހީތެރިކަން ފޯރުކޮށްދޭނެކަން މާ ވަނީ ހާމަކޮށްފައެވެ.

460 ބިލިއަން ޑޮލަރުގެ ވިޔަފާރިއަކާ ހިސާބަށް އަލީބާބާ ކުންފުނި ގެންގޮސްދިނުމަށް ފަހު ޖެކް މާ ފައުންޑޭޝަން އުފައްދާ، އަލީބާބާ ކުންފުނީގެ އިސް މަގާމު ދޫކޮށްލި ޖެކް މާ މިހާރު ހަރަކާތްތެރިވަމުންދަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާގައެވެ. މާ ބުނާ ގޮތުގައި އޭނާގެ އެންމެ ބޮޑު އިންސްޕިރޭޝަނަކީ ބިލް އާއި މެލިންޑާ ގޭޓްސްގެ ފައުންޑޭޝަންއެވެ.