ބާޒާރު ލިލީއއިން ކޮވިޑަށް ޕޮޒިޓިވް ކޭސްއެއް ފެނިފައި ވުމުން ލޮކްޑައުންގެ ކުރިއަށް އޮތް ދެ ދުވަހާއި ލޮކްޑްއުންވީ ދުވަހު ބާޒާރު ލިލީއަށް ދިޔަ މީހުން ހެލްތް ޕްރޮޓެކޝްނަ އެޖެންސީއަށް ގުޅުމަށް އެދިއްޖެއެވެ.

މިރޭ ދަރުބާރު ޣޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ، މާލެއިން ޕޮޒިޓިވް ވި ކޭސް 55 އާ ގުޅިގެން މި މަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަހު ހެނދުނު 8 އިން ހަވީރު 6 އަކާ ދެމެދު ބާޒާރު ލިލީއަށް ދިޔަ މީހުން އެޗްޕީއޭއަށް ކޮންޓެކްޓު ކުރުމަށް އެދޭ ކަމަށެވެ. ހަމައެއާއެކު މި މަހުގެ 15 ވަަނަ ދުވަހު ހެނދުނު 8 އިން ހަވީރު 4 އަކަށް ބާޒާރު ލިލީއަށް ދިޔަ މީހުން އެޗްޕީއޭއަށް ކޮންޓެކްޓު ކުރުމަށް އެދޭ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ކޭސް 55 އަކީ ބާޒާރު ލިލީ ފިހާރައިގައި މަސައްކަތް ކުރި މީހަކަށް ވާތީ އޭނާއާ ބައްދަލުވި އިތުރު މީހުން ތިބެދާނެ ކަމަށް ބެލެވޭ ކަމަށެވެ. މިހާރުވެސް ގިނަ ކޮންޓެކްޓް ޓްރޭސިންގް ތަކެއް ހޯދިފައިވާ އިރު އަދިވެސް ކޮންޓެކްޓް ޓްރޭސިން ކުރުމުގެ މަސައްކަތް ކުރަމުްނދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮންޓެކްޓް ޓްރޭސިންގް ހަދަމުންދާއިރު މިހާރު ފާހަގަކުރެވޭ ބައެއް ކޭސްތަކަަކީ 15 ވަނަ ދުވަހު ލޮކްޑައުންއަށް ފަހު ދެ ދުވަސް ނުވަތަ ތިން ދުވަސް ކުރިން، އަލާމާތްތައް ފެނިގެން ޓެސްޓުކޮށް ޕޮޒިޓިވްވެފައި ތިބި ފަރާތްތައް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މި ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގް ހެދުމުގައި މާލެ ލޮކްޑައުންނަށް ދިއުމަށް ފަހު އަލާމާތްތައް ފެނުނު ކޭސްތައް ހުރި ކަމަށާއި ހާއްސަކޮށް ދެތިން ދުވަސް ފަހުން އަލާމާތްތައް ފެނުނު ކޭސްތަކަށް ބަލާއިރު އެކޭސްތަކުގެ ކޮންޓެކްޓްތައް ވަރަށް ބޮޑުތަނުން މަދުވެފައި ހުރި ކަން ނަޒްލާ ފާހަގަކުރެއްވިއެވެ.

ގިނަ ކޮންޓެކްޓުތައް ފެނިފައި މިހުރީ ވަރަށް ބޮޑެތި ކޮމްޕެނީތަކާއެކުގައި މަސައްކަތް ކުރާ މީހުންގެ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެގޮތުން މިހާރު އުންމީދު ކުރައްވަނީ ލޮކްޑައުން ކުރިއަށް ގެންދެވި މީހުން ބައްދަލުވާ އަދަދު މަދުކުރެވިއްޖިއްޔާ ޕޮޒިޓިވްވެފައި ތިބި މީހުންވެސް ޑައިގްނޯޒް ކުރެވެމުންދާއިރު އެމީހުންނާ ބައްދަލުވެފައި ތިބި މީހުންގެ ކޮންޓެކްޓްތައް މަދުވެގެން ދާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.