ގެއިން ބޭރަށްދާ ނަމަ މާސްކް އަޅަން އިރުޝާދު ދީފިއެވެ.
މިފަދައިން އިރުޝާދު ދެއްވާފައި ވަނީ މިހާރު އޮންލައިންކޮށް ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ލީޑަރު ޑރ. އަލީ ލަތީފެވެ.
ޑރ. އަލީ ލަތީފު ވިދާޅުވީ، ކުރިން މާސްކް އަޅާކަށް ނުޖެހޭނެއޭ ދެންނެވުނު ނަމަވެސް މިހާރު ކޮންމެހެން ބޭރަށް ނުކުންނަން ޖެހިގެން ނުކުތަސް މާސްކް އެޅުން ވަރަށް މުހިންމު ކަމަށެވެ. އެގޮތުން މާލެއަށް މި ބަލި އައިސްފި ނަމަ މާލެއިން ވަރަށް ގިނަ ކޭސްތައް ފެނިގެން ދާނެކަން ފާހަގަކުރައްވަމުން އަލީ ލަތީފް ވިދާޅުވީ، ޑރ. ނަޒްލާ ވިދާޅުވިހެން ލޮކްޑައުންއަށް މާލެ ގޮސްފައިވާތީ ފެންނަ ކޭސްތައް މިހާރު މަދުވެގެން ދާނެކަމަށް ބެލެވޭ ކަމަށެވެ.
ކުރިއަށް އޮތް ތަނުގައިވެސް އާންމުން ދޭންޖެހޭ އެއްބާރުލުން ނުދޭ ނަމަ ޕޮޒިޓިވްވާ ކޭސްތައް މައްޗަށް ގޮސްދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އަލީ ލަތީފް ވިދާޅުވިއެވެ. އެޗްޕީއޭއިން ހެދި އެސްޓީމޭޓުން ދެއްކި ގޮތުގައި ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވެ އަދި މީހުން މަރުވެގެންދާނެ ކަމަށް ދައްކާފައިވާ އިރު މިހާހިސާބަށް އައި އިރު ޕޮޒިޓިވްވި 47 ފަރާތުގެ ހާލުވެސް އިތުރަށް ސީރިއަސްވެގެން ނުދާ ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.
މިހާރުގެ ހާލަތުގައި އިތުރަށް ފަރުވާ ތެރިވުމަށް އެޅިދާނެ ފޮޔަވަޅުތައް ފާހަގަ ކުރައްވަމުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ގޭގޭގެ ކުޑަދޮރުތައް ހުޅުވާފައި ބެހެއްޓުން ވަރަށް މުހިންމު ކަމަށެވެ. ހަމައެއާއެކު ކާރުގައި ދާ އިރު ވެސް ކާރުގެ ދޮރުތައް ހުޅުވާލައިފައި ބެހެއްޓުން މުހިންމު ކަމަށެވެ. އޭގެ ސަބަބުން ވައިރަސް މަދުކޮށްދޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖޭގެ ކޭސްތަކުން ފެނުނު އެއް ކަމަކީ އެއްތަނެއްގައި އުޅޭ ގިނަ ބަޔަކު ޕޮޒިޓިވްވެފައިވާ ކަން ަކަމށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖެއިން ޖުމްލަ 67 ކޭސް ފެނިފައިވާ އިރު މާލެއިން ވަނީ 47 ކޭސް ފެނިފައެވެ. ނަމަވެސް މާލެއިން ފެނުނު ކޭސްތަކުގެ ެތެރެއިން ކޭސް 26 އަކީ ޕޮޒިޓިވް ކޭސް އެއް ނޫންކަމަށް ބުނެ އެޗްޕީއޭއިން ވަނީ އެ ފަރާތުން މައާފަށްވެސް އެދިފައެވެ.