މިއަދު މަޖީދީ މަގަށް ވެއްޓިފައި އޮތް އަންހެނެއް ފުލުހުންގެ ގެންދިޔަ ހާދިސާގައި، އޭނާ މަގުމައްޗަށް ވެއްޓުނީ ނޫން ކަމަށާ، އެއީ ގެއަކުން ބޭލި އަންހެނެއް ކަމަށް ފުލުހުން ބުނެފިއެވެ.

މަންޒަރު ދުއް މީހުނަށް އޭނާ ފެނުނީ ދެމީހަކުވެގެން އަތްދަނޑިމައްޗަށް ލައިގެން ދުވެފައިގޮސް އެމްއޭސީއެލްގެ ވެހިކަލަކަށް އަރުވައިގެން ގެންދާތަނެވެ. ފުލުހުންގެ ވެހިކަލުގައި ގެންދިޔައީ ބިދޭސީއެއް ކަމެއް ނުވަތަ ދިވެއްސެއް ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް އޭނާ ގެންދާ ވީޑިއޯއިން އެއީ އަންހެނެއް ކަން ސާފުވެއެވެ.

މިއަދު މިހާދިސާ ހިނގި އިރު، ރޭ ވަނީ ލަގްޒަރީ ކައިރިން އަސަރީ ގޯޅިއާއި މަޖީދީ މަގު ގުޅުނު ކަންމައްޗަށް ވެއްޓިފައި އޮތް މީހަކު ނަގައިގެން ސެނެހިޔާއަށް ގެންގޮސްފައެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައި ވާކަމަށް އެމްއެންޑީއެފުން ރޭ ވަނީ ބުނެފައެވެ.

ރޭ ވެއްޓިފައި އޮއްވާ ފެނުނު 50 އަހަރުގެ ބަންގްލަދޭޝް ފިރިހެން މީހާ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް މިހާރު ވަނީ ސާމްޕަލްއެއް ނަގާފައެވެ.

މި ދުވަސްވަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަން މާލެ ތެރޭގައި ފެތުރޭ ދުވަސް ވަރަކަށް ވާއިރު، ބަލިގެން ވެއްޓިފައި ތިބޭ މީހުން ނުވަތަ އެނޫންވެސް މީހަކު އެއްތަނުން އަނެއްތަނަށް އުފުލުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ކަމާބެހޭ ފަރާަތްތަކުން ގޮވާލައެެވެ.