ހުށަހަޅާ ޝަކުވާތަކާ ގުޅިގެން ގައިދީންނާ ފޯނު މެދުވެރިކޮށް އިންޓަވިއުކުރެވޭނެ އިންތިޒާމު ހަަމަޖައްސައިފިއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގައިދީންނާއި ބަންދުމީހުން އިންސްޕެކްޓަރަށާއި، ހިއުމަން ރައިޓްސް ކޮމިޝަނަށް ލިއުމުން ހުށަހަޅާ ޝަކުވާ އީމޭލް މެދުވެރިކޮށް ޖަލުތަކުން ފޮނުވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

ޕްރިޒަންސް ކޮމިޝަނާ ވިދާޅުވީ، މިފަދައިން ހުށަހަޅާ ޝަކުވާ އަކާއި ގުޅިގެން ސީދާ ގައިދީ ނުވަތަ ބަންދުމީހާއަށް ފޯނުމެދުވެރިކޮށް އެފަރާތްތަކަށް އިންޓަވިއު ކުރެވޭނެ އިންތިޒާމުވެސް ހަމަ ޖައްސާފައިވާ ކަމަށެވެ. އަދި އެހެން އިދާރާއަކަށް ޝަކުވާއެއް ހުށަހަޅަން ބޭނުންވެއްޖެ ހާލަތެއްގައި އެ އިންތިޒާމުވެސް ހަމަޖެހިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕްރިޒަންސް ކޮމިޝަނަރު މިހެން ވިދާޅުވެފައިވާއިރު، ކޮވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުން ކުރުމާ ގުޅިގެން އާއިލާ ތަކުގެ ފަރާތުން ޖަލުތަކުގައި ތިބި ޤަގައިދީންނަށާއި ބަންދުމީހުންނަށް އޮންލައިންކޮށް ފައިސާ ފޮނުވޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފައެވެ.

އޮންލައިންކޮށް ގައިދިންނާއި ބަންދުމީހުންނަށް ފައިސާ ފޮނުވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، އެކަމުގައި އަމަލު ކުރަންވީ އުސޫލު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ވެބްސައިޓުގައި އާންމުކޮށްފައިވާނެއެވެ.

އެ އުސޫލުގެ ދަށުން އޮންލައިންކޮށް ފައިސާ ފޮނުވުމަށް ހަމަޖައްސާފައިވާ ބީއެމްއެލްގެ އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރުމަށްފަހު، ފައިސާ ޖަމާކުރި ސްލިޕް ނުވަތަ އޭގެ ސްކްރީންޝޮޓް ކަރެކްޝަންސްގެ އީމެއިލަށް ފޮނުވަން ޖެހެއެވެ. އެގޮތުން، ފައިސާ ލިބެންވި ގައިދީ ނުވަތަ ބަންދު މީހާގެ ނަމާއި އެޑްރެސް އަދި އައިޑީ ކާޑް ނަންބަރާއި ފައިސާ ފޮނުވި ފަރާތުގެ ނަމާއި އެޑްރެސް އަދި އައިޑީ ކާޑް ނަންބަރުގެ އިތުރުން ފޮނުވި ފައިސާގެ އަދަދާއި ފައިސާ ޓްރާންސްފާ ކުރި އެކައުންޓްގެ ނަން ބަޔާންކޮށް އީމްއެލް ކުރަންވީ، [email protected] އަށް ކަމަށް ކަރެކްޝަނުން ބުނެއެވެ.