މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 15 އަށް އަރާފައިވާއިރު، އެމީހުންގެ ތެރޭގައި 60 އަހަރުން މަތީގެ މީހަކުވެސް ހިމެނެއެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރު، މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކު ފުރަތަމަ ފެނިފައި ވަނީ މިދިޔަ ބުދަ ދުވަހެވެ. އެއާއެކު، ޕޮޒިޓިވް ކޭސްތައް ފެންނަ ވަރު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން މާލެ އިން ޖުމްލަ 47 ކޭސް ފެނިފައިވުމާއެކު، މުޅި ރާއްޖެއިން މިހާތަނަށް ފެނިފައިވާ ކޭސްތަކުގެ އަދަދު މިވަނީ 67 އަށް އަރައިފައެވެ.

މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިިވަނީ، 9 ދިވެހިންނާއި، 6 ބިދޭސީންނެވެ. މީގެ ތެރޭގައި، ބީއެޗްއެމް ޑެލިވަރީގައި އުޅޭ ފަރާތަކާއި، އިހުސާން ފިހާރާގައި މަސައްކަތް ކުރާ ފަރާތްތައް ވެސް ހިމެނެއެވެ. އަދި މގެ ކުރިން ޕޮޒިޓިވްވެފައިވާ ކޭސްތަކާއި ގުޅުން ހުރި ފަރާތްތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ. މާލެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 47 އަށް އަރާފއިވާއިރު، މީގެ ތެރެއިން އެކަކު ވަނީ ހއ. އުލިގަމަށް ދަތުރުކޮށްފައެވެ.

މިދިޔަ ބުދަ ދުވަހު މާލެއިން ފުރަތަމަ ޕޮޒިޓިވް ކޭސް ފެނިފައިވާއިރު، ބުރާސްފަތި ދުވަހު 2 ކޭސް، ހުކުރު ދުވަހު 5 ކޭސް، ހޮނިހިރު ދުވަހު 7 ކޭސް އަދު އާދިއްތަ ދުވަހު 17 ކޭސްގެ އިތުރުން މިއަދު 15 ކޭސް ހިމެނެއެވެ.

މާލެ ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްއެއް ފެނުމާއެކު، މާލެ ރެޑް އެލާޓަށް ގެނެސް، ވަނީ ލޮކްޑައުންކޮށްފައެވެ. އަދި މުޅި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުމަށް އަންގާ، މާލެއިން މިދިޔަ ބުދަ ދުވަހުން ފެސިގެން ދަތުރުކުރި އެންމެން އެކަހެރިވުމަށް ވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އަންގާފައެވެ.