ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ނުފުރި ތިބި ބޭރު މީހުން ބަލާ ގަތަރު އެއާވޭސްގެ ފްލައިޓެއް މާދަމާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އަންނަ ގޮތަށް ހަމަޖައްސައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ބުނީ ރާއްޖޭގައި ތިބި ޓޫރިސްޓުންނާއި ބިދޭސީ މުވައްޒަފުން އަދި އެހެން މީހުން ބަލާ އަންނަނީ ގަތަރު އެއާވޭސްގެ ފްލައިޓް ކިއު އާރު675 ކަމަށެވެ.
އެ ފްލައިޓް މާލެ އިން ފުރާނީ މާދަމާ ހަވީރު 3:00 ގައި ކަމަށާއި އެ ފްލައިޓުން ޓިކެޓް ނަގާފައިވާ ފަރާތް ތަކުން އަމަލު ކުރަން ޖެހޭ ގޮތް އަންގާފައިވާނެ ކަމަށެވެ. އަދި އެ ސާކިއުލާގައި އަންގާފައިވާ މައުލޫމާތުގެ ތަފްސީލްތައް މިރޭ 12 ޖެހުމުގެ ކުރިން މިނިސްޓްރީ އަށް އަންގަން އެދިފައިވެއެވެ.
ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ރާއްޖެ ލޮކްޑައުން ކޮށްފައިވާ މި ދަނޑިވަޅުގައި ރާއްޖެއިން ނުފުރި ގާތްގަނޑަކަށް 1،000 ޓޫރިސްޓުން އެބަތިއްބެވެ. މީގެތެރެ އިން ބައެއް މީހުން ވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައިވެސް ގެންގޮސްފައެވެ.
ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތަށް ބަލާއިރު، ކޮވިޑް-19 އަށް މިއަދު އެކަނި މާލެ އިން 15 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިހާރު ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 67 އަށް އަރާފައެވެ.