އިތުރު ދެ މީހަކު މާލެއިން ޕޮޒިޓިވް ވެ، މިއަދު މާލެއިން ޕޮޒިޓިވް ވި މީހުންގެ އަދަދު 17 އަށް އަރާފައިވާ ކަމަށާއި ޖުމްލަ 69 މީހުން ރާއްޖެއިން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނެފިއެވެ. ޕޮޒިޓިވްވެފައި ވަނީ ދިވެއްސަކާއި ބިދޭސީއެކެވެ.

މިއާއެކު މާލެއިން ފެނުނު ޕޮޒިޓިވް ކޭސްތަކުގެ ޖުމްލަ އަދަދު ވަނީ 49 އަށް އަރާފައެވެ. މި މީހުން އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް އެޗްޕީއޭން ބުނެއެވެ.

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދާއިރު ރާއްޖެއިން މިހާރު ވަނީ ޖުމްލަ 69 ޕޮޒިޓިވް ކޭސް ފެނިފައެވެ. އަދި މީގެ ތެރެއިން 16 މީހަކު ރަނގަޅުވެ، 2 މީހަކު ރާއްޖެއިން ފުރައިގެން ގޮސްފައި ވާއިރު، މި ބައްޔަށް މިހާރު 49 މީހަކު ދަނީ ރާއްޖޭގައި ފަރުވާ ހޯދަމުންނެވެ. އެއީ ރާއްޖެއިން ބޭރުގައި ހުރެފައި ރާއްޖެ އައި 2 ދިވެހިންނާއި، މާލެ އިން ޕޮޒިޓިވްވި 25 ދިވެހިންގެ އިތުރުން މާލެއިން ޕޮޒިޓިވްވި 24 ބިދޭސީންނެވެ.

މާލެ ސަރަހައްދުން ފުރަތަމަ ފަހަރަށް މި ބަލި ފެނިފައިވަނީ މިދިޔަ ބުދަ ދުވަހެވެ. އެގޮތުން ބުދަ ދުވަހު 1 ކޭސް ފެނިފައިވާއިރު، ބުރާސްފަތި ދުވަހު 2 ކޭސް، ހުކުރު ދުވަހު 5 ކޭސް އަދި ހޮނިހިރު ދުވަހު 7 ކޭސް ވަނީ މާލެއިން ފެނިފައެވެ. މީގެ އިތުރުން އިއްޔެ 17 ކޭސް ފެނިފައިވާއިރު އޭގެ ތެރެއިން 1 ކޭސް ވަނީ ހއ. އުލިގަމަށް ދަތުރުކޮށްފައެވެ. އަދި މިއަދު މި ބައްޔަށް ޕޮޒިޓިވްވެފައިވާ 15 ކޭހެއް މާލެ ތެރެއިން ފެނިފައިވާއިރު، މިރޭ ވަނީ އިތުރު 2 ކޭހެއް ފެނިފައެވެ.