މިއަދު މާލެ ސިޓީއިން ކޮވިޑް19 އަށް ޕޮޒިޓިވް ވި ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ ބިދޭސީންނަކީ އިހުސާން ފިހާރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށް ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޑރ. ނަޒްލާ ވިދާޅުވީ، މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވި ކޭސް 59 އެއް އަދި 60 ކޭސްއަކީ ބަންގްލަދޭޝްގެ ދެ މީހުން ކަމަށާއި، އެދެމީހުންވެސް މަސައްކަތް ކުރަމުން ދަނީ އިހުސާން ފިހާރައިގަ ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ މިއަދު ފެނުނު ހުރިހާ ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މާލެ ސަރަހައްދުން ކޮވިޑް19 އަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން ހަމައެކަނި އިއްޔެވެސް 16 ބިދޭސީއަކު ޕޮޒިޓިވް ވެފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 14 ބަނަގްލަދޭޝްއަށް ނިސްބަތްވާ މީހަކާއި، އިންޑިއާއަށް ނިސްބަތްވާ ދެ މީހުން ނެވެ. ތޮއްޖެހިފައިވާ މާލޭގައި ވެސް އެތައް ބިދޭސީންނެއް ދިރިއުޅެމުން ދެއެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ވެސް ތޮއް ޖެހިފައިވާ ތަންތަނުގައި އުޅެމުން ދިޔަ މީހުންގެ ތެރެއިން ސަރުކާރުން ދާދިފަހުން ހުޅުމާލެއަށް ބަދަލުކުރި ބަންގްލަދޭޝް ރައްޔިތަކު ހިމެނެއެވެ. އޭނާ އަށް ކޮވިޑް ޖެހުނުކަން އެނގުނީ ފްލޫ ކްލިނިކަށް ގޮސް ދެއްކުމުންނެވެ. އިއްޔެ ޕޮޒިޓިވްވި އަނެއް 13 ބަންގްލަދޭޝް މީހުންނަކީ ލިލީ ސްޓޯރުގައި މަސައްކަތް ކުރާ ބައެކެވެ.

ކޮވިޑް19 އަށް ހަމައެކަނި މިއަދުވެސް ރާއްޖެއިން 15 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އެއާއެކު ރާއްޖެއިން ކޮވިޑް19 އަށް މިހާތަނަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 67 އަށް އަރާފައެވެ. ކޮވިޑް19 މާލެ ސިޓީއިން ފެނުމާއެކު އެ ސަރަހައްދުވަނީ 14 ދުވަހުގެ މުއްދަތަށް ލޮކްޑައުން ކޮށްފައެވެ. އަދި މީގެ އިތުރަށް އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުންވެސް ވަނީ މަނާ ކޮށްފައެވެ.