ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހުންނާއި ކޮންޓެކްޓް ޓެރޭސްވި 903 އެއްހާ މީހުން ދަނެގަނެވިފައިވާ ކަމަށާއި، އަދި މިއާއެކު 152 އިމާރާތެއް މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށް ކޮވިޑް19ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އިއްޔެ މޮނިޓަރިންގެ ހާލަތަށް ލާފައިވާ ރަށްތަކުގެ އިތުުރުން، އިތުރު ދެ ރަށެއް އަނެއްކާވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ހއ. މާރަންދޫއާ ހދ. ނޮޅިވަރަމް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އިއްޔެ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކުގެ ތެރޭގައި ހދ. ވައިކަރަދޫ ހދ. ހިރިމަރަދޫ ހއ. ހޯރަފުށި ހއ. ތުރާކުނު ހއ. ތަކަންދޫ ހއ. އިހަވަންދޫ ހއ. އުލިގަމު ހިމެނެއެވެ. އުލިގަމުން އިއްޔެ ވަނީ ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވެސް ވެފައެވެ. އެރަށުން ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވަނީ ދިވެއްސެކެވެ.

މަބްރޫކް ވިދާޅުވީ މިއަދުގެ މިހާތަނަށް 4139 މީހަކު ކޮވިޑް19 އަށް ޓެސްޓު ކުރެވިފައިވާ ކަމަށެވެ. އަދި އޭގެތެރެއިން 3834 މީހަކު ބައްޔަށް ނެގެޓިވްވެފައިވާ ކަމަށެވެ. އަދި މިހާތަނަށް 245 މީހެއްގެ ނަތީޖާ ލިބިފައި ނުވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިހާތަނަށް ސާމްޕަލް ކުރި 4،000އަށްވުރެ ގިނަ މީހުންގެ ތެރެއިން މި ބައްޔަށް 67 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 13 ބިދޭސީންނާއި ތިން ދިވެއްސަކު ބަލިން ވަނީ ރަނގަޅުވެފައެވެ. ބައްޔަށް ފަރުވާ ދެމުން ދަނީ 42 މީހަކަށެވެ.