ވިލިވަރު ފެސިލިޓީއިން މިއަދު އިތުރު ތިން މީހަކު ދޫކޮށްލައިފި ކަމަަށް ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިއަދު ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މިއަދު ވިލިވަރު ކަރަންޓީން ފެސިލިޓީގައި ތިބި ތިން މީހަކު ވަނީ ދޫކޮށްލެވިފައި ކަމަށާއި، އަދި މިވަގުތު ހއ. މާރަންދޫ އާއި، ހދ. ނޮޅިވަރަން ވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެވިފައި ކަމަށެވެ.

މީގެ އިތުރަށްވެސް ހދ. ވައިކަރަދޫ، ހދ. ހިރިމަރަދޫ، ހއ. ހޯރަފުށި، ހއ. ތުރާކުނު، ހއ. ތަކަންދޫ، ހއ. އިހަވަންދޫ، ހއ. އުލިގަމް ވަނީ މޮނީޓަރިންގެ ހާލަތުގައި ކަމަށެވެ. އަދި ޖުވެލި މޯލްޑިވްސް، ބޮޑުފުށި ރިސޯޓް ކޮންސްޓްރަކްޝަން ސައިޓް، މޯލްޑިވިއަނާ ސަފާރީވެސް އަދިވެސް ވަނީ މޮނީޓަރިންގެ ހާލަތުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މި ތަންތަން މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކޮވިޑް19 އަށް ޝައްކު ކުރެވޭ މީހަކު ފެނިފައިވުމާއި ނުވަތަ ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނިފައިވުމާއި ގުޅިގެންނެވެ. ހއ. އަތޮޅުގެ ގިނަ ރަށްތަކެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު މާލޭގެ ބައެއް ގެތައް ވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ރާއްޖެއިން ކޮވިޑް19 އަށް މިހާތަނަށް 67 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން ހަމައެކަނި މިއަދުވެސް ރާއްޖެއިން ވަނީ 15 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ކޮވިޑް19 މާލެ ސިޓީއިން ފެނުމާއެކު އެ ސަރަހައްދުވަނީ 14 ދުވަހުގެ މުއްދަތަށް ލޮކްޑައުން ކޮށްފައެވެ. އަދި މީގެ އިތުރަށް އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުންވެސް ވަނީ މަނާ ކޮށްފައެވެ.