މިއަދު މާލެ ސިޓީއިން ކޮވިޑް19 އަށް ޕޮޒިޓިވް ވި 6 ދިވެހިންގެ ތެރެއިން ބީއެޗްއެމް ޑެލިވަރީގެ މުވައްޒަފެއް ހިމެނޭ ކަމަށް ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑް19 އަށް ޕޮޒިޓިވް ވި 53 ވަނަ މީހާއަކީ ދިވެއްސެއް ކަމަށާއި، އޭނާއަކީ ބީއެޗްއެމްގެ ޑެލިވަރީގެ މަސައްކަތް ކުރަމުންދާ މުވައްޒަފެއް ކަމަށެވެ. އަދި އެމީހާ ފްލޫ ކްލިނިކަށްވެސް ދައްކަފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް19 އަށް މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ބީއެޗްއެމްގެ ޑެލިވަރީގެ މަސައްކަތް ކުރަމުންދާ ދިވެއްސަކު ހިމެނޭއިރު، މިއަދު ޕޮޒިޓިވް ވި ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ ބިދޭސީންނަކީ އިހުސާން ފިހާރައިގަ މަސައްކަތް ކުރާ މުވައްޒަފުން ކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ. ޑރ. ނަޒްލާ ވިދާޅުވީ މިއަދު ފެނުނު ހުރިހާ ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ކޮވިޑް19 އަށް ހަމައެކަނި މިއަދުވެސް ރާއްޖެއިން 15 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އެއާއެކު ރާއްޖެއިން ކޮވިޑް19 އަށް މިހާތަނަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 67 އަށް އަރާފައެވެ. ކޮވިޑް19 މާލެ ސިޓީއިން ފެނުމާއެކު އެ ސަރަހައްދުވަނީ 14 ދުވަހުގެ މުއްދަތަށް ލޮކްޑައުން ކޮށްފައެވެ. އަދި މީގެ އިތުރަށް އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުންވެސް ވަނީ މަނާ ކޮށްފައެވެ.