ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް19 އާއި ގުޅިގެން އޭވިއޭޝަނުގެ މުވައްޒަފުންނާއި ގުޅޭގޮތުން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބުނެފިއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މިހެން ބުނެފައިވަނީ މިދުވަސްވަރު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް19 އާއި ގުޅިގެން، އެކޮމާންޑުގެ މުވައްޒަފުންނާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފެތުރުމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގައި ކޮވިޑް19 ފެތުރިފައިވާ މިދުވަސްވަރުގައިވެސް، އެންމެ ކުރީސަފުގައި މަސައްކަތްކުރާ އެ ކޮމާންޑުގެ މުވައްޒަފުންގެ ތެރެއިން އައިސޮލޭޓް ކުރުމާއި، ކަރަންޓީން ކުރަން ޖެހޭ ފަދަ މުވައްްޒަފުން ތިބިނަމަ، އެކަން ކުރިޔަށް ގެންދާނެ ކަމަށާއި، އަދި ކަމާއި ގުޅޭ އިދާރާތަކުގެ އިރުޝުދުތަކާއި އެކުގައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

އަދި އެ ކޮމާންޑުގެ މުވައްޒަފުންނަކީ 24 ގަޑިއިރު ރާއްޖޭގެ ވައިގެ ބަނދަރުތަކުގެ ސަލާމަތާއިީ ރައްކާތެރިކަން ކަށަވަރުކުމާއި، އެ ބަނދަރުތަކުން ފުރާ ފަސިންޖަރުންނާއި ލަގެޖް ޗެކް ކުރުމުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން ކަމަށާއި، ކޮވިޑް19 ގެ ބިރުވެރިކަން މުޅި ދުނިޔެއަށް ފެތުރިފައިވާ މި ނުރައްކާތެރި ވަގުތުގައިވެސް، ގައުމީ ހިދުމަތުގައި، ރާއްޖޭގެ މައިދޮރާށިން ވެދެ ނިކުމެވާ މީހުންގެ ސަލާމަތަށްޓަކައި އެ ކޮމާންޑުގެ މުވައްޒަފުން ތިބިކަމީ އެކަމަށްޓަކައި ފަހުރުވެރިވާންޖެހޭ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބުނީ އަމިއްލަ އާއިލާ ދޫކޮށް އައިސް މަސައްކަތުގެ ކުރީ ސަފުގައި އެމުވައްޒަފުން މަސްކަތް ކުރަނީ، މިބަލީގެ ނުރައްކާ އެނގި ތިބެ ގައުމަށްޓަކައި ކުރާ ހިދުމަތެއްގެ ގޮތުގައި ކަމަށެވެ. އަދި ރާއްޖޭން ކޮވިޑް19 ފެނިފައިވަނީ ފުރަތަމަ ފަތުރުވެރިންގެ ކިބައިން ކަމުގައި ވީހިނދު މި ބަލި ފެންނަ ވަގުތު ތަކުގައި، އެ ކޮމާންޑުގެ މުވައްޒަފުންގެ ތެރެއިން އައިސޮލޭޓް ކުރުމާއި، ކަރަންޓީން ކުރަން ޖެހޭ ފަދު މުވައްްޒަފުން ތިބި ނަމަ، އެކަން ކުރާނެ ކަމަށްވެސް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބުނެއެވެ.

އަދި އެ ކޮމާންޑުގެ މުވައްޒަފުންނާއި ގުޅުވައި އެއްވެސް އިދާރާއަކުން އަދި މިހާތަނަށް ކަށަވަރުކޮށްދީފައި ނުވާ، ހަގީގަތެއް ނެތް ދޮގު މައުލޫމާތު ފަތުރަމުންދާ ދިއުން ވަނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކޮށްފައެވެ. އަދި މިފަދަ ދޮގުމައުލޫމާތުގެ މައްޗައް އެކޮމާންޑުގެ މުވައްޒަފުންގެ ސަލާމަތާއި އަގު ވެއްޓޭ ފަދަ އަމަލުތަކުން ދުރުހެލިވުމަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ވަނީ ނަސޭހަތްތެރިވެފައެވެ.