ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައިނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބިލިއަން ބަޔަކު ގޭގައި ބަންދުވިތާ މިހާރު އެތައް ހަފުތާއެއްވެއްޖެއެވެ. ރާއްޖެއަށް ބަލާލި ކަމުގައި ވީ ނަމެވެސް އާންމު ދިރިއުޅުމުގެ ގިނަ އަދާދަތަކެއް ހުއްޓުމަކަށް އައިސް، ގެތަކުގައި ތިބެން މިވަނީ މަޖުބޫރުވެފައެވެ.

ކޮވިޑް-19އާ ގުޅިގެން ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، ބައެއް ބަދަލުތަކަކަށް މިހާރަށްވުރެ ބޮޑަށް އަހުލުވެރިވާންޖެހެއެވެ. ވަޒީފާއާއި އެނޫންވެސް ގޮތްގޮތުން ލިބޭ އާމްދަނީއަށް ބޮޑު ހުރަހެއް އެޅިފައިވާއިރު، އިހު އުޅުނު އާންމު ދިރިއުޅުން މިވަގުތު އެގޮތުގައި އުޅެވޭކަށް ނެތެވެ. އެހެންކަމުން މި ހިއްސާކޮށްލަނީ މި ހައްސާސީ ދަނޑިވަޅުގައިވެސް ލިބޭ ކުޑަ ފައިސާކޮޅުން ދެކޮޅު ޖައްސާ، އުފާވެރި، ރައްކާތެރި ދިރިއުޅުމެއް ހޯދިދާނެ ބައެއް ޓިޕްތަކެވެ.

ޓީވީ ސަބްސްކްރިޕްޝަން

ކޮވިޑް-19އާ އެކު އެންމެ ފުރަތަމަ ކެންސަލްވެގެންދިޔައީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިޔަ ކުޅިވަރު މުބާރާތުގެ ސީޒަންތަކެވެ. އެއާ ވިދިގެން މުނިފޫހިފިލުވުމުގެ ދާއިރާއިންވެސް އާ ކޮންޓެންޓް އުފެއްދުން މިހާރު ވަނީ މުޅިންހެން ހުއްޓާލާފައެވެ. ކަންމިހެން އޮތްއިރު ހުރިހާ ކޮންޓެންޓެއް ލިބޭ އަގުބޮޑު ޓީވީ ސަބްސްކްރިޕްޝަންތަކަށް ފައިސާ ޚަރަދުކުރާ މިންވަރު މަޑުޖައްސާލުން ބުއްދިވެރިއެވެ.

ޕުލްވާމާއަށް ދިން ހަމަލާއާއި ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ގައުމާ މުހާތަބުކުރައްވާ ވާހަކަފުޅުދައްކަވާ މަންޒަރު ބަލަން ބަޔަކު ޓީވީތަކެއްގެ ކުރިމަތީގައި ހުއްޓިލައިގެން / ފޮޓޯ: އޭއެފްޕީ

އާންމު މައުލޫމާތާ، ޚަބަރާ އެނޫންވެސް އެފަދަ މުހިންމު މައުލޫމާތަށް ބަރޯސާވާންޖެހިފައިވާ މި ދަނޑިވަޅުގައި، ތަފާތު އެކި ސަބްސްކްރިޕްޝަންތަކަށް ކުރާ ބޭކާރު ޚަރަދު ކުޑަކޮށްލުމަކީވެސް ދުރަށް ވިސްނާއިރު ރައްކާ ކުރެވިގެންދާނެ ގިނަ އަދަދެއްގެ ފައިސާކަން މިއަދު ގަބޫލުކުރަންޖެހެއެވެ.

ހަކަތައިގެ ޚަރަދު ކުޑަކުރުން

މި ވަގުތަކީ ހުރިހާ އެންމެން ގޭގައި ތިބޭ ވަގުތަކަށްވާއިރު، ހަކަތައަށް ހިނގާ ހޭދަ ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ. ވަކިން ހާއްސަކޮށް، އިޖުތިމާއީ ގައިދުރުކަމުގެ އުސޫލު ތަންފީޒު ކުރަމުންދާއިރު ގޭގެ އެކި ހިސާބުތަކުގައި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

ކަންމިހެން އޮތް ނަމަވެސް، ވީ ވަރަކުން ހަރަދު ކުޑަކުރުމަށް ސަމާލުކަން ދިނުން ބުއްދިވެރިއެވެ. އަލިކަން ވަންނަ ވަރުގެ ތަންތަނުގައި ދިރިއުޅުމުގެ ނަސީބު ލިބިފައިވާނަމަ ދުވާލުގެ ވަގުތުތަކުގައި ހޮޅިބުރި ފަދަ ތަކެތި ބޭނުން ނުކުރުމަކީވެސް ދިގު މުއްދަތަކަށް ބަލާނަމަ ރައްކާ ކުރެވޭ ބޮޑު ފައިސާ ފޮއްޗަކަށް ވެދާނެއެވެ.

ސްޓެލްކޯ މުވައްޒަފުން އިންޖީނު ގެއެއްގައި މަސައްކަތް ކުރަނީ / ފޮޓޯ: ޓްވިޓާ

ހަމަ މިފަދައިން އަންނައުނު ދޮވުމުގައިވެސް އިގުތިސޯދު ކުރަން ދަސްކުރާށެވެ. ފެނާ ކަރަންޓަށް ކުރާ އިސްރާފާ ދުރުހެލިވުމުގެ އާދަ އަށަގަންނަވާށެވެ.

ވަކި ބްރޭންޑަކަށް ބަރޯސާ ނުވުން

ކޮވިޑް-19އާ ގުޅިގެން ވެރިރަށް މާލެއާއި މާލެ ކައިރި ސަރަހައްދު އަދި ރާއްޖޭގެ އެކި ހިސާބުތަކުން ބައެއް މަންޒިލްތައް ލޮކްޑައުންކޮށްފައިވާއިރު، އަސާސީ މުދާ ޑެލިވާ ކުރުމުގެ ނިޒާމަށް ކުރިމަތިވި މައްސަލަތަކަށްވެސް އަދި ވަނީ ފުރިހަމަ ހައްލެއް ނުލިބިފައެވެ. މިއީ ރާއްޖެއަށްވެސް މުޅިން އާ ކަމަކަށްވާއިރު، މިކަމަށް ވަގުތު ދީ، ކެތްތެރިކަން އިސްކުރަންވީ ވަގުތަކީ މިއީއެވެ.

ސިއްހީ ހާލަތު ހުރި ގޮތުން ވަކި ބާވަތެއް ބޭނުން ނުކުރެވިދާނެ މީހަކު ހުރެދާނެއެވެ. މިއީ ހިދުމަތް ދޭ ފަރާތުންވެސް ވިސްނާލަންޖެހޭ ކަމެކެވެ. ކަންމިހެން އޮތްއިރު، ފުރާނައަށް ނުރައްކަލެއް ނެތްނަމަ، އާންމުކޮށް ބޭނުންކުރާ ބްރޭންޑް ނޫން އެހެން ބްރޭންޑްތައް ތަޖުރިބާކުރުމަކުން ގޯހެއް އޮތްކަމަކަށް ނުފެނެއެވެ.

ބޯފެނުން ފެށިގެން ތުއްތު ދަރިފުޅު ޖައްސާ ނެޕީގައިވެސް މިކަން އޮތީ މިހެންނެވެ. އާދަވެފައިވާ ބްރޭންޑް ނޫން އެހެން ބާވަތްތައް ތަޖުރިބާ ކުރެވިދާނެއެވެ. އެގޮތް ހިތްހަމަ ނުޖެހޭނަމަ، ޑައިޕާއާއި ނުލާ، ޕޮޓީ ޓްރެއިން ކުރަންވެސް ދަސްކޮށްދޭން ފެށިދާނެއެވެ. ފުޅިފުޅީގައި ބަންދުކޮށްފަހި ހުންނަ ވަކި ބްރޭންޑެއްގެ ފެނަކަށް ބަރޯސާވުމުގެ ބަދަލުގައި ރަނގަޅަށް ކައްކައިގެން ފެން ބޭނުންކުރެވިދާނެއެވެ.

ފެން ތައްޓެއް

ދިވެހިންނަކީ ރޯދައާއި ދިމާކޯށް ބޮޑެތި ޚަރަދުތައް ކުރާ ބައެކެވެ. އާބާތުރަ ފިލުވުމުން ފެށިގެންގޮސް ރޯދަ މެނޫއަށް ބަލާލި ކަމުގައި ވީ ނަމަވެސް މިކަން އޮތީ މިހެންނެވެ. ނަމަވެސް މިއީ އެފަދަ ކަމަކަށް އެންމެ އެކަށީގެންވާ ވަގުތު ނޫންކަން ގަބޫލުކުރަންޖެހެއެވެ. ރަމަޟާން މަހުގެ މަގުސަދާ ހިކުމަތްތަކުގެ މަތިން ހަނދާން އާކޮށް، އިސްރާފުކުރުމާ ދުރުހެލިވެ، ކެތްތެރިވާން ދަސްކުރަންޖެހެއެވެ. ކާބޯތަކެއްޗާ އެނޫންވެސް އެކި ކަންކަމަށް ކުރާ ޚަރަދުތައް ހުއްޓާލަންޖެހެއެވެ.

މިއީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކާރިސާއެއްކަން ހަނދާން ނައްތާލެވޭކަށް ނެތެވެ.