މި ދުވަސްވަރު ލޭ ލިބުމަށް އިންތިހާއަށް ދަތިވެފައިވާ ކަމަށާއި އެހެންކަމުން އެކަމުގައި އާއްމު ރައްޔިތުންގެ އެހީތެރިކަން މީގެކުރިން ލިބިފައިވާ ވަރަށް ވުރެ ބޮޑަށް ބޭނުންވާ ކަމަށް މޯލްޑިވްސް ބްލަޑް ސާވިސް އިން ބުނެފިއެވެ.

ބްލަޑް ސާވިސް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ތެލެސީމިއާ ކުދިންނަށް ލޭ ހޯދުމަށް މިހާރު ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ. އަދި ސިއްހީ ގޮތުން އެއްވެސް މައްސަލައެއް ނޫޅޭ ނަމަ ލޭ ހަދިޔާ ކޮށްދިނުމަށް އެ ސާވިސް އިން ވަނީ އެދިފައެވެ.

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ރާއްޖެއިންވެސް ފެނިފައި ވާއިރު، ރާއްޖެއިން ލޭ ލިބުން ވަނީ ދަތިވެފައެވެ. ދާދިފަހުން ބްލަޑް ސާވިސް އިން ބުނެފައިވަނީ އެ ސާވިސްގެ އެދުމުގެ މަތިން ގިނަ ބަޔަކު ލޭ ހަދިޔާ ކޮށްފައިވީ ނަމަވެސް އޯ ޕޮޒިޓިވް އަދި ބީ ޕޮޒިޓިވް ލޭގެ ސްޓޮކް ދަށް ވަމުންދާ ކަމަށެވެ. އެހެންކަމުން އެ ސާވިސް އިން މީގެކުރިން ވަނީ މި ދެ ވައްތަރުގެ ލޭ ހޯދުމަށް އިއުލާން ކޮށްފައެވެ.

ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް ކޮންމެ ހަފްތާއެއްގެ ވެސް އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން ހަވީރު 3:00 އަށް އެ ސާވިސް ހުޅުވާފައި ހުންނާނެއެވެ.

ލޭ ލިބުންދަތިވެފައި ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ރިސޯޓުތަކުގައި ތިބި މުވައްޒަފުންނަށް ދަތުރުކުރުން މަނާކޮށްފައި ވުމާވެސް އެކުއެވެ. އެގޮތުން، ލޭ އަޅާ ކުދިންނަށް އެންމެ ބޮޑަށް ލޭ ހޯދުމުގައި އެހީތެރިވާ ބަޔަކީ ރާއްޖޭގެ ރިސޯޓުތަކުގެ މުވައްޒަފުންނެވެ. ބްލަޑް ސާވިސް އިން ވަނީ ލޭ ހަދިޔާ ކުރުމަށް އެދި މިމަހު 3 ވަނަ ދުވަހު ވެސް އިއުލާނެއް ކޮށްފައެވެ.

ތެލެސީމިއާ ކުދިންނަށް ލޭ ލިބުން ދަތިވެފައިވާތީ ތެލެސީމިއާ ސެންޓަރުން އިސް ނަގައިގެން އަންނަނީ ލޭ ހަދިޔާ ކުރުމުގެ ކެމްޕޭނުތައް ކުރިޔަށް ގެންދަމުންނެވެ. އަދި ބަލްޑް ސާވިސް އިން ވެސް އަންނަނީ ތަފާތު އެކި ކޭމްޕްތައް ބާއްވަމުންނެވެ.