މުޖުތަމައުގެ ތެރެއިން ސިއްހީ ހިދުމަތްތެރިންނަށް ފުރައްސާރަ ކުރަމުންދާ ކަމަށް މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ބުނެފިއެވެ.

އެމްއެޗްޕީޔޫއިން ބުނީ، މުޖުތަމައުގެ ރައްކާތެރި ކަމަށްޓަކައި ސިއްހީ ހިދުމަތްތެރިން އެތަކެއް ގުރުބާނީ އެއް ވަމުންދާއިރު، ސިއްހީ ހިދުމަތްތެރިން އުޅެމުން އަންނަ ގެތަކުގެ ވެރިފަރާތް ތަކުންނާއި މުޖްތަމައުގެ ތެރެއިންވެސް ސިއްހީ ހިދުމަތްތެރިންނަށް ފުރައްސާރަ ކުރަމުންދާ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ. މީގެ އިތުރަށް ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަން ކަަށަވަރުކޮށް ދިނުމަށް އެދި އެމްއެޗްޕީޔޫއިން ވަނީ ގޮވާލާފައެވެ.

އެމްއެޗްޕީޔޫއިން ބުނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުން ގެއިން ނުކުންނަން ވެސް އަންގަމުންދާ ކަމަށާއި، އަދި އެންމެ ރަނގަޅީ ވަޒީފާ އަށް ނުދިއުން ކަމަށް ގޭގެ ވެރިފަރާތުން ބުނަމުންދާ ކަމަށެވެ. އަދި މިއީ ކޮވިޑް19 ފަދަ ނުރައްކާތެރި ބައްޔެއް ރާއްޖޭގައިވެސް ފެތުރިފައިވާ މިދަނޑިވަޅުގައި، މަސައްކަތް ކުރަން ނުކުންނަ ހިދުމަތްތެރިންނަށް ދިމާވަމަމުންދާ ކަމެއްކަން ފާހަގަކޮށް އެ ޖަމިއްޔާއިން ބުނީ އެކަމަކީ، އެމީހުންގެ ނަފްސާނީ ދުޅަ ހެޔޮކަމަށް އަސަރުކުރުވާނެ ކަންތައްތަކެއް ކަމަށެވެ.

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިންވެސް ފެނިފައިވާއިރު، އެކަމުން ރާއްކާތެރިވުމަށް އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުންދަނީ ސިއްހީ ހިދުމަތްތެރިންނެވެ. ހެލްތު ޔޫނިއަން އިން މިފަދައިން ބުނެފައިވީ ނަމަވެސް ސޯޝަލް މީޑިއާގެ އެކި ޕްލެޓު ފޯމްތަކުން ފެންނަމުން ދަނީ ސިއްހީ ހިދުމަތްތެރިންނަށް އާއްމު ރައްޔިތުންގެ ފަރާތުން ތައުރީފު ކުރަމުންދާ މަންޒަރެވެ.