ކޮވިޑް19 އާއި ގުޅިގެން މާލެ ލޮކްޑައުން ކުރުމާއެކު ފިހާރަތަކުން ޑެލިވަރީގެ ހިދުމަތް ދެމުންދާއިރު، އެކަމުގައި އެހީތެރިވަމުން އަންނަނީ އާންމުންގެ ސަމާލުކަން ހޯދުމުގެ ނިޔަތުގައި ނުވަތަ "ޕީއާރް ސްޓަންޓެއް" ގެ ގޮތުގައި ނޫން ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހްލޫފް މިހެން ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން މިނިސްޓަރު މަހްލޫފް ޑެލިވަރީގެ ހިދުމަތް ދިނުމުގައި އެހީތެރިކަން ފޯރުކޮށްދެމުން ދަނީ މީހުންގެ ސަމާލުކަން ހޯދުމަށް ކަމަށް ބުނެ ފާޑު ކިޔުމާއި ގުޅިގެންނެވެ.

އެކަމަށް ރައްދު ދެއްވައި ޔޫތު މިނިސްޓަރު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޑެލަވަރީގެ ހިދުމަތް ކުރަނީ އާންމުންގެ ސަމާލުކަން ހޯދުމަށް ކަމަށް ހީކުރާ ހީކުރުމަކީ ކުށް ހީއެއް ކަމަށެވެ. މިނިސްޓަރު މަހްލޫފް ވިދާޅުވީ އެ މަސައްކަތް ކުރަމުންދަނީ ފިހާރަތުގެ އެތައް ޑެލިވަރީއެއް ނުކުރެވިފަ ހުރުމުން ކަމަށެވެ. މިފަދަ ހާލަތެއްގައި ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް ލުޔެއް ހޯދުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް މަހްލޫފު ވިދާޅުވިއެވެ.

ކޮވިޑް19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއެކު ހުއްދަ ނެތި ގެއިން ބޭރަށް ނިކުތުން ވަނީ މަނާ ކޮށްފައެވެ. އެގޮތުން އާންމުނަށް ފިހާރަތަކުން ބޭނުންވާ ތަކެތި ގަތުމަށްވެސް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ވަނީ ކުރިމަތިވެފައެވެ. ސަރުކާރުން ވަނީ މިކަމަށް ހައްލެއް ގެނައުމަށްޓަކައި މާލެ ސަރަހައްދުގައި ޑެލިވަރީގެ ހިދުމަތް އިތުރަށް ފުޅާ ކޮށްފައެވެ. އެގޮތުން މި ޑެލިވަރީގެ ހިދުމަތަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، މިނިސްޓަރު މަހްލޫފްވެސް ވަނީ މި މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެފައެވެ. އެގޮތުން މިކަމަށް ވޮލެންޓިއާ ކުރައްވާ ފަރާތްތަކާ އެކީ މިނިސްޓަރު މަހްލޫފް ވަނީ ޑެލިވަރީގެ ހިދުމަތް ފަށާފައެވެ.

މީގެ އިތުރަށްވެސް މިނިސްޓަރު މަހްލޫފް ވަނީ ރާއްޖެއަށް ދިމާވާ މިފަދަ ބޮޑެތޮ ކަންކަމުގައި އެކި ގޮތްގޮތައް އެހީތެރިކަން ފޮރުކޮށްދީފިއެވެ. އެގޮތުން ލޭހަދިޔާ ކޮށްދިނުމާއި، ރާއްޖެއަށް ކުރިމަތިވި ސުނާމީ ކަރިސާގައިވެސް އާންމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގިނަ މަސައްކަތްތައް ކުރައްވާފައެވެ.