އަފްގާނިސްތާނުގެ ރިޔާސީ ގަނޑުވަރުގައި މަސައްކަތްކުރަމުންދާ މުވައްޒަފުންތަކެއް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވެއްޖެއެވެ.

ލިބެމުންދާ އެންމެ ފަހުގެ ޚަބަރުތަކަށް ބަލާއިރު އަފްގާނިސްތާނުގެ ރިޔާސީ ގަނޑުވަރުގައި މަސައްކަތްކުރާ 40 މުވައްޒަފަކު މިހާރު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

މިކަމާ ބެހޭ ގޮތުން އަފްގާނިސްތާނުގެ ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައި ނުވާއިރު، ރައީސް އަޝްރަފު ގަނީގެ ހާލުކޮޅާ ބެހޭ ރިޕޯޓެއްވެސް އަދި ލިބިފައެއް ނުވެއެވެ.

އުމުރުފުޅުން މިހާރު 70 އަހަރު ފުރިފައިވާ ގަނީއަކީ، 1990ގެ އަހަރުތަކުގައި ކެންސަރު ޖެހިވަޑައިގެން، އެ ބަލީގައި ބަނޑު ތެރެއިން ބައެއް ނަންގަވާފައިވާ ބޭފުޅެކެވެ.

އަފްގާނިސްތާނުގައި ކޮވިޑް-19ގެ ހާލަތު އޮތް ގޮތަށް ބަލާއިރު 996 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި 33 މީހަކު ވަނީ މި ބަލީގައި އެގައުމުން މަރުވެފައެވެ.