ކޮވިޑް-19 ގައި ރާއްޖެއިން މީހަކު މަރުވެއްޖެ ނަމަ ކަށުކަމާކެމީގެ ކަންކަން ކުރުމަށް ސިފައިން ތަމްރީނު ކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ސިފައިންގެ 15 މީހަކު ބައިވެރިވި މި ތަމްރީން ޕްރޮގްރާމްގައި ކޮރޯނާ ވައިރަހުގައި މީހަކު މަރުވެއްޖެނަމަ އަމަލު ކުރާނެ ގޮތާއި، އެމީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތު ސިފައިންނަށް ދީފައިވާނެ ކަމަށެވެ.

މި ބަލި ޖެހިގެން މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތު ސިފައިންނަށް ދީފައިވަނީ ރާއްޖޭގެ ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި ބަލީގައި މީހަކު މަރުވެއްޖެ ނަމަ އެމީހެއްގެ އާއިލާއަށް މޫނު ދެއްކުމާއި، ކަށުނަމާދުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމާ ގުޅޭގޮތުން ހާއްސަ ގައިޑްލައިނެއްވެސް ވަނީ ތައްޔާރު ކޮށްފައެވެ. ބައެއް ބޭރު ގައުމުތަކުގައި މަރުވާ މީހުން އަންދާލައެވެ. އަދި މޫނުވެސް ނުދައްކާ ވަޅުލަން މަޖުބޫރު ހާލަތު އައިސްފައި ވެއެވެ. ނަމަވެސް މުސްލިމުންނަކީ މަރުވާ މީހެއްގެ ހަށިގަނޑު އަންދާލާ ބައެއް ނޫނެވެ. އެހެންކަމުން މި ހާލަތުގައި ފެނުން ހިނެވުމުގެ ބަދަލުގައި ތަޔައްމަމު ކުރަން ވަނީ ނިންމާފައެވެ.