މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނޫސްވެރިން އެކްރެޑިޓް ކުރަން ނިންމައިފިއެވެ.
އެމްއެމްސީން ބުނީ، ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޮންލައިން ނޫހަކުން ސުވާލު ކުރި މީހާގެ ފަރާތުން ފެނިގެން ދިޔައީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. އެހެންކަމުން ނޫސްވެރިންގެ ހައްގުގައި ކުރިއަށް އޮތް ތަނުގައި ކައުންސިލްގެ ރޫހު އޮތީ އެކްރެޑިޓް ކުރާނެ އުސޫލެއް އެކުލަވާލަން ކަމަށާއި ވީހާ އަވަހަކަށް އެ އުސޫލަށް އަމަލު ކުރަން ފެށުން ކަމަށް އެމްއެމްސީން ބުނެއެވެ.
އެމްއެމްސީން ނޫސްވެރިން އެކްރެޑިޓް ކުރަން ނިންމީ ކޮވިޑް-19 އާ ގުޅޭ ގޮތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ނޫސްވެރިއަކު ބިދޭސީންނަށް ކުޑައިމީސްވާ ގޮތަށް މުހާތަބުކޮށް ސުވާލުކުރި ކަމަށް ބުނެ އުފެދުނު ފާޑުކިއުންތަކުގެ ސަބަބުންނެވެ. އެ ނޫސްވެރިޔާ ބިދޭސީންނަށް މުހާތަބު ކުރީ "ބަންގާޅީން" ކަމަށެވެ. ދިވެހި ބަސް ފޮތުގައި "ބަންގާޅީން" އަކީ ބަންގާޅު މީހުންނެވެ. ދިވެހިން އާންމުކޮށް ވާހަކަ ދައްކާ އިރު، "ސިންގަޅައިން" އަދި "ތަމަޅައިން" ބޭނުން ކުރާ ގޮތާ ހިލާފަށް "ބަންގާޅީން" ބޭނުން ކުރަނީ، އެމީހުންގެ "އަގު ވައްޓާލުމުގެ" ގޮތުންނެވެ.
"ސިންގަޅައިން" އާއި "ތަމަޅައިން" އާ ހިލާފަށް "ބަންގާޅީން" މި ބަހަކީ ސުކުން ތުނޑު "ބަންގާޅު" އެ ނަމުން އުފެދޭ ނަން އިތުރެކެވެ. ސިންގަޅައިން އާއި ތަމަޅައިން އަކީ އަބަފިއްޔަށް ނިމޭ ތުނޑުގެ ނަންއިތުރެވެ.
މާލޭގައި ތޮށްޖެހިގެން ބިދޭސީން އުޅޭއިރު އަދި އެތައް ބަންގްލަދޭޝް ރައްޔިތުންނެއް އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވުމުން އެކަމާ ގުޅިގެން އެ ނޫސްވެރިޔާ ސުވާލު ކުރަން ވަނީ މަސައްކަތް ކޮށްފައިވެއެވެ. ސުވާލު ކުރުމުގައި އެ ނޫސްވެރިއާ ބިދޭސީންނާ ގުޅުވައިގެން މުހާތަބުކުރި ގޮތުން ޑރ. ފާތުމަތު ނަޒްލާ ރަފީގު ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. ހަމައެއާއެކު ޑރ. ނަޒްލާ ވަނީ ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މިހުންނަކީވެސް އަހަރެމެން ކަހަލަ އިންސާނުން ކަމަށާއި އެގޮތުން އެންމެންގެ ވެސް ބަހުރުވަ ހުންނަން ޖެހޭނީ "އިހްތިރާމާއެކު" ކަމަށް ނަޒްލާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ޑރ. ނަޒްލާއަށް ވަނީ ގިނަ ބައެއްގެ ތައުރީފް ލިބިފައެވެ.