މާލެއިން ކޮވިޑް19 އަށް އިތުރު 8 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް19 އަށް މާލެއިން ޕޮޒިޓިވް ވެފައިވަނީ 6 ދިވެއްސަކާއި، ބަންގަލަދޭޝްގެ 2 މީހެއް ކަމަށެވެ. މިއާއެކު މާލެ އިން ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު މި ވަނީ 40 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނީ މި ހުރިހާ މީހުންވެސް އައިސޮލޭޝަން ފެސިލިޓީތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އަދި މި މީހުންނާއި މީގެކުރިން މާލެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންނާއި އެއްވެސް ގުޅޭމެއް ވޭތޯ ބަލަމުންދާ ކަމަށެވެ.

ކޮވިޑް19 އަށް އިތުރު 8 މީހަކު މާލެއިން ޕޮޒިޓިވް ވެފައި ވާއިރު، މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 60 މީހަކު މިވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. ހަމައެކަނި އިއްޔެވެސް މާލެއިން ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 14 މީހަކާއި އިންޑިއާއަށް ނިސްބަތްވާ ދެ މީހަކާއި އެކު ޖުމްލަ 16 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. މިއީ އެއްފަހަރާ ރާއްޖެއިން ކޮވިޑް19 ފެނުނު ފުރަތަމަ ފަހަރެވެ.

މާލޭ ސިޓީގެ އިތުރަށް އަތޮޅު ތެރެއިންވެސް ފުރަތަމަ ފަހަރަށް މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. ޕޮޒިޓިވް ވެފައިވަނީ ހއ. އުލިގަމުން ދިވެއްސެކެވެ. އެރަށުން ކޮވިޑް19 އަށް ދިވެއްސަކު ޕޮޒިޓިވް ވުމާއެކު އެރަށް މިހާރުވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. މިވަގުތު އުލިގަމް މޮނިޓަރިންގެ ހާލަތުގައި އޮތްއިރު، ހއ. އިހަވަންދޫ، ނޮޅިވަރަންފަރު، ތުރާކުނު އަދި ހދ. ވައިކަރަދޫ ވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

ކޮވިޑް19 މާލެ ސިޓީއިން ފެނުމާއެކު އެ ސަރަހައްދުވަނީ 14 ދުވަހުގެ މުއްދަތަށް ލޮކްޑައުން ކޮށްފައެވެ. އަދި މީގެ އިތުރަށް އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުންވެސް ވަނީ މަނާ ކޮށްފައެވެ.