ށ.ފީވަކު ޓާސްކްފޯހުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރާ މަސައްކަތަށް ހުރަސްއެޅުމުން މުއްދަތު ޖެހި ދެމީހުން ދޫކޮށްލައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މުއްދަތު ޖެހި ދެމީހުންވެސް ދޫކޮށްލާފައިވާ ކަމަށެވެ. އެ ދެމީހުން ދޫކޮށްލާފައި ވަނީ ތަހުގީގަށް ބޭނުންވާ ބަޔާން ނެގުމަށް ފަހު، އިތުރަށް އެމީހުން ބަންދުގައި ބޭތިއްބުމަށް ނުފެންނާތީ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނެފައި ވަނީ އެރަށުގައި ގާއިމް ކޮށްފައިވާ ކޮވިޑް-19 ޓާސްކްފޯހުގެ ބައްދަލުވުމެއް އެރަށު ސްކޫލުގައި ކުރިއަށް ދަނިކޮށް އެތަނުގެ ތެރެއަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގާ މާރާމާރީ ހިންގާފައިވާ ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން އެތަނަށް ފުލުހުން ދިޔުމުން ފުލުހުންގެ ވާޖިބަށް ހުރަސްއަޅާ، ހަމަނުޖެހުން ހިންގާފައި ވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރު ކުރީ 25 އަހަރުގެެ ދިވެހި ފިރިހެނަކާއި 28 އަހަރުގެ ދިވެހި ފިރިހެނެއް ކަަމަށް ފުލުހުން ބުނެއެވެ.

އެ ދެ މީހުންނަށް ބަންދާމެދު ގޮތެއް ނިންމުމަށް ށ. މިލަންދޫ މެޖިސްޓްރޭޓު ކޯޓަށް ގެންދިޔުމުން 25 އަހަރުގެ މީހާގެ ބަންދަށް ހަތް ދުވަސް އަދި 28 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް ޖެހީ މިމަހުގެ 14 ވަނަ ދުވަހެވެ.

ކޮވިޑް-19 އިން ރައްކާތެރި ވުމަށް ރިސޯޓުތަކާއި އާންމުން އުޅޭ ރަށްރަށަށް އެރުންވެސް މަނާ ކުރިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމާ ހިލާފުވި މީހުންނަށް ވަނީ ފިޔަވަޅުވެސް އަޅާފައެވެ.