ދިވެހިން ގޮވައިގެން އަންނަ ބަންގްލަދޭޝްގެ ބޯޓު ފުރާނީ ރާއްޖެއިން ބަންގްލަދޭޝްގެ 70 މީހުނާއެކު ކަމަށް ފޮރިން މިނިސްޓަރީން ބުނެފިއެވެ.

ނޭޕާލާއި ބަންގްލަދޭޝްގައި ތިބި ދިވެހިން ގޮވައިގެން އަންނަ އަސްކަރީ ބޯޓު މިހާރު ވަނީ ފުރާފައެވެ. އެ ބޯޓު މާލެ އަންނާނީ މާދަމާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އެމަތިންދާބޯޓުގައި ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބަންގްލަދޭޝްގެ 70 މީހަކު އަނބުރާ އެޤައުމަށް ގެންދާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ޝާހިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިކަމުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު އޭ.ކޭ އަބްދުލް މޮމެންގެ ފަރާތްޕުޅުން ލިބިވަޑައިގަތް އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި ކަމަށް ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.

ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ބައެއް ރައްޔިތުން އަނބުރާ އެގައުމަށް ގެންދިޔުމަށް، ބަންގްލަދޭޝްގެ ސަރުކާރުގެ އެހީތެރި ކަމަށް ފޮރިން ޝާހިދު ވަނީ އެގައުމު ފޮރިން މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންފައެވެ. މިދިޔަ ދެ ހަފްތާގެ ތެރޭގައި ޝާހިދު ވަނީ ދެ ފަހަރެއްގެ މަތިން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައެވެ.

މާދާމާ އަންނަ ބަންގްލަދޭޝްގެ އަސްކަރީ ފްލައިޓްގައި އެގައުމުގައި ތިބި 53 ދިވެހިންނާއި، ނޭޕާލުގައި ތިބި 18 ދިވެހިންގެ އިތުރުން ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިވުމަށް އަންނަ 10 މީހުންގެ މައްޗަށް އެކުލެވޭ މެޑިކަލް ޓީމެއްވެސް އަންނާނެއެވެ.