ކޮވިޑް19 އަށް ޕޮޒިޓިވް ވާ މީހުންގެ ފޮޓޯ ސޮޝަލް މީޑިއާގައި އާންމު ކުރާނަމަ އެ މައްސަލަ ފުލުހަށް ހުށަހަޅަން ނިންމައިފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ޑޮކްޓަރު، ޑރ. ފާތިމަތް ނަޒްލާ ރަފީގް ވިދާޅުވީ، ކޮވިޑް19 އަށް ޕޮޒިޓިވް ވާ ބައެއް މީހުންގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމު ކުރަމުން ދާތަން ފެނިވަޑައިގަންނަވާ ކަމަށާއި، އެފަދަ ޒާތީ މައުލޫމާތު އާންމު ކުރުމަކީ ކުށެއް ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ އާއްމު ސިއްހަތުގެ ރައްކާތެރި ކުރުމާ ބެހޭ ގާނޫނުގެ ދަށުން، އެފަދަ މައުލޫމާތު ހާމަކުރުމުގެ ބާރު ލިބިދީފައި ވަނީ ހަމައެކަނި ޕަބްލިކް ހެލްތްގެ ޑިރެކްޓާ ޖެނެރަލަށް ކަމަށާއި، އެނޫން ފަރާތަކުން އެކަން ކޮށްފިނަމަ އެކަމާ ގުޅޭގޮތުން ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހަޅުއްވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަފެނޭ ކޭސްތަކުގެ ފޮޓޯ ނޫނީ ކޭސްކަމަށް ހީވާ މީހާގެ ފޮޓޯ ސޯޝަލް މީޑިއާގައި އާއްމު ކުރާތަން. ބައެއް ފަހަރު އެބެހުރި ބަލި ނުޖެހޭ މީހެއްގެ ފޮޓޯވެސް މިގޮތަށް އާއްމުކޮށްފަ. މިފަދަ ޒާތީ މައުލޫމާތު އާންމު ކުރުމަކީ ކުށެއް. އެގޮތަށް ހާމަކުރުމުގެ ބާރު ލިބިވަޑައިގަންނަވަނީ ޕަބްލިކް ހެލްތްގެ ޑިރެކްޓާ ޖެނެރަލަށް. އަދި އެކަން އިތުރަށް ފެންނަ ނަމަ އެކަން ފުލުހަށް އަންގަމުން ދާނަން."
ޑރ. ނަޒުލާ

މާލެއިން އެންމެ ފުރަތަމަ ކޮވިޑް19 ގެ ކޭސްއެއް ފެނިފައިވަނީ މިމަހުގެ 15 ވަނަ ދުވަހެވެ. އެއާއެކު މާލެ ލޮކްޑައުން ކޮށް، 14 ދުވަހުގެ ކާފިއު އިއުލާން ކޮށްފައިވާއިރު މިމަހުގެ 15 ވަނަ ދުވަހުގެެ ފަހުން މާލެއިން ރަށްރަށަށް ދަތުރުކޮށްފައިވާ މީހުން އަމިއްލަ އަށް އެކަހެރިވުމަށް އެޗްޕީއޭ އިން ރޭ ވަނީ އަންގާފައެވެ. މާލެއިން ފެނުނު ކޮވިޑް19ގެ 31 ކޭސްއާ އެކު އެ ބައްޔަށް މިހާރު ވަނީ ރާއްޖެއިން ޖުމްލަ 52 މީހަކު ޕޮޒިޓިވް ވެފައެވެ.