މައުލޫމާތު ނުދޭ މީހާ މިހާރު އެއްބާރުލުން ދޭން ފަށައިފި ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫށްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބަރުކް ވިދާޅުވީ، މިއަދު މެންދުރު ބޭއްވި ޕްރެސްގައި އެޗްޕީއޭއަށް މައުލުމާތު ދިނުމުގައި އެއްބާރުލުން ނުދީ ހުރި ފަރާތް މިހާރު އެޗްޕީއޭއަށް އެއްބާރުލުން ދީފައިވާ ކަމަށެވެ. ހަމައެއާއެކު މަބްރޫކް ވިދާޅުވީ، އެކަމުގައި އަމަލު ކުރާނެ ގޮތުގެ ގަވައިދު އޮތީ ހަދައި ނިމިފައި ކަމަށެވެ. އެހެންކަމުން ކޮންޓްރެކްޓް ޓްރޭސިންގައި ޒާތީ މައުލޫމާތު އެޗްޕީއޭއިން ހިފަހައްޓާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ، ބައެއް ފަރާތްތަކުން ޕޮޒިޓިވް ނުވާ މީހުންގެ ފޮޓޯ ވެސް އާންމުކޮށްފައި އެބަހުރި ކަމަށެވެ. އެގޮތުން އެއްވެސް މީހެއްގެ ފޮޓޯ އާންމު ނުކުރެއްވުން ނަޒްލާ އެދިވަޑައިގެންފައި ވެއެެވެ. މިގޮތަށް ފޮޓޯ އާންމު ކުރެވެން ގާނޫނީ ގޮތުން ހުއްދަ ލިބިފައި އޮތީ ހަމައެކަނި ޕަބްލިކް ހެލްތުގެ ޑީޖީ އަށް ކަމަށާއި އެހެންކަމުން އެކަން ކުރާ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އަޅަމުން ގެންދާނަން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މާލޭގައި ކޮވިޑަށް ޕޮޒިޓިވްވެފައިވާ ގިނަ ބަޔަކު ފެންނަމުންދާ މި ދަނޑިވަޅުގައި މައުލޫމާތު ދިނުމުގައި އެއްބާރުލުން ނުދޭ މީހަކު ފުރަތަމަ ކްލަސްޓާގައި ހިމެނޭ ކަަމަށް އެޗްޕީއޭއިން ބުނެފައިވަނީ މިއަދު މެންދުރު އެޗްޕީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފާތިމަތު ނަޒްލާ ރަފީގެވެ. މިކަމާ ގުޅިގެން ސޯޝަލް މިޑިއާގައި ބައެއް މީހުންގެ ފޮޓޯތައް ޝާއިއުކޮށް މައުލޫމާތު ނުދޭން އުޅެނީ ކޮން ފަރާތެއްކަން ހާމަކުރަން ބައެއް ަފރާތްތަކުން ވަނީ މަސައްކަތްކޮށްފައެވެ.

މި ކަމާ ގުޅިގެން އެޗްޕީއޭއިން ވަނީ ދޮގު ހަބަރު ނުފެތުރުމަށް އިލްތިމާސްކޮށް ޓްވީޓެއް ކޮށްފައެވެ.

ކޮވިޑް 19 އަށް މާލެއިން 32 މީހުން ޕޮޒިޓިވްވެފައިވާ އިރު އެ ކޭސްތަކުން 3 ކްލަސްޓާއެއް ވަނީ އުފެދިފައެވެ. 15 ބަގްލްދޭޝް މީހުންނާއި އިންޑިއާ 2 މީހަކަކާއި 14 ދިވެހިން މީގެ ތެރޭގައި ހިމެނެއެވެ.

ފުރަތަމަ ކްލަސްޓާގައި ހިމެނެނީ މާލެއިން ފުރަތަމަ ފެނުނު ކޭސް 21 ގެ ކޮންޓެކްތް ޓްރޭސިންގްގެ ގޮތުގައި ހިމެނޭ ކޭސް 22 އާއި ކޭސް 23 އެވެ. އަދި ކޭސް 23 ގެ ކޮންޓެކްޓް ޓްރޭސިންގްަގއި ހިމެނޭ ކޭސް 24، 25 އަދި 26 ހެވެ. މި ކްލަސްތާގައި ޖުމްލަކޮށް ހިމެނެނީ 6 މީހުންނެވެ.

ދެވަނަ ކްލަސްޓާ ފެށިފައިވަނީ ލިލީ ސްޓޯގެ މުވައްޒަފު، ކޭސް 27 ވަނަ މީހާއިން ނެވެ. މިއީ އެންމެ ގިނަ ޕޮޒިޓިވް ކޭސް ފެނިފައިވާ ކްލަސްޓާއެވެ. މި ކޭސްގެ ކޮންޓެކްޓް ޓްރޭސިންގެ ގެ ތެރޭފައި ކޭސް 29 އާއި 30 އާއި 34 އަދި 35 ހިމެނެއެވެ. އަދި ކޭސް 30 ގެ ކޮންޓެކްޓް ވީ ބިދޭސީއެއް، ކޭސް 32 ހިމެނެއެވެ. މިއީ ހުސް ދިވެހިންނެވެ. މީގެ އިތުރުން ކޭސް 36 އަކުން ކޭސް 49 އަކަށް 14 ބިދޭސީންވެސް ވަނީ ޕޮޒިޓިވްވެފައެވެ.

ތިންވަނަ ކްލަސްޓާ ފެށިފައި ވަނީ ކޭސް 28 އިންނެވެ. އޭނާއާ ކޮންޓެކްޓްވީ ކޭސް 31 އާއި 33 އަކީ ދިވެހިންނެވެ. މީގެ އިތުރުން އޭނާއާ ކޮންޓެކްޓްވީ އިންޑިއާގެ ދެކޭސް ކޭސް 50 އަދި 51 ހިމެނެއެވެ.

މީގެ އިތުރުން މިރޭ ޕޮޒިޓިވްވި ަކަމށް އިއުލާން ކުރި ކޭސް 52 ގެ ކޮންޓެކްތް ޓްރޭސިން ދެނެގަންނަމުން ދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.