މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހުންނާ ކޮންޓެކްޓް ޓެރޭސްވި މީހުންގެ އަދަދު 468 އަށް އަރައިފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެގޮތުން މިހާތަނަށް ޖުމްލަ 468 ކޮންޓެކްޓެއް ހޯދިފައިވަ ކަމަށެވެ. އަދި އެމީހުންގެ ތެރެއިން 242 މީހެއްގެ ސާމްޕަލް އެއް ނެގިފައިވާ ކަމަށާއި، މިއާއެކު 133 ގެއާއި އެޕާޓްމަންޓް ވަނީ މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައި ކަމަށެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލް ދެއްވަމުން ޑރ. ފާތިމަތް ނަޒްލާ ރަފީގް ވިދާޅުވީ، ކޭސް 35 އާއި ކޮންޓެކްޓިވި 45 މީހަކު ހޯދިފައިވާ ކަމަށާއި، ކޭސް 36 އާއި ކޮންޓެކްޓްވި ހަތަރު މީހުން އެބަތިބި ކަމަށާއި އަދި އެއާއި ގުޅޭ 200 އެއްހާ މީހުންގެ ތަފްސީލް އިތުރަށް ބަލާ ހޯދަން ޖެހޭ ކަމަށެވެ. ކޭސް ނަންބަރު 39 އާއި ކޭސް ނަންބަރު 47 އަކާއި ދެމެދު ޕޮޒިޓިވްވެފައިވާ މީހުންގެ 64 ކޮންޓެކްޓެއް ފާހަގަކުރެވިފައިވާ ކަމަށާއި، އަދި ކޭސް 50 ހާއި 51 އާއި ގުޅިގެން މިހާތަނަށް 50 ކޮންޓެކްޓެއް ވަނީ ދެނެގަނެވިފައި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މީގެ އިތުރަށް 52 ދެވަނަ ކޭސްއާއި ގުޅޭ 131 އެއް ކޮންޓެކްޓް މިހާތަނަށް ހޯދިފައިވާ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 52 މީހަކު ޕޮޒިޓިވް ވެފައިވައިރު، މި މީހުންނަ ކޮންޓެކްޓް ޓްރޭސްވި މީހުން ހޯދުމުގެ މަސައްކަތްދަނީ ކުރަމުން ނެވެ. މާލެއިން ގިނަ އަދަދެއްގެ މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވުމާއެކު މާލެ ސަރަހައްދުވަނީ 14 ދުވަހަށް ލޮކްޑައުން ކޮށްފައެވެ.