ޖުމްލަ 131 މީހަކު، އުލިގަމުން ޕޮޒިޓިވް ވި މީހާއާއި ކޮންޓެކްޓު ވެފައިވާ ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ޑޮކްޓަރު، ޑރ. ފާތުމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ޑޮކްޓަރު، ޑރ. ފާތިމަތް ނަޒްލާ ރަފީގް ވިދާޅުވީ އުލިގަމުން ކޮވިޑް19 އަށް ޕޮޒިޓިވް ވި ދިވެހި މީހާގެ ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 131 މީހުން ހޯދިފައިވާ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށާއި، އަދި މިއަދަދު އިތުރުވެގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އުލިގަމުން ޓެސްޓް ކުރި ދިވެއްސަކު ސްކްރީނިން ޕޮޒިޓިވް ވެފައި ވަނިކޮށް، އޭނާ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފައި ވަނީ މިއަދުއެވެ. އެޗްޕީއޭ އިން ބުނީ އުލިގަމުން ޕޮޒިޓިވް ވެފައިވާ މީހާއަކީ މިހާތަނަށް ޕޮޒިޓިވް ވި މީހުންނާ އެއްވެސް ގުޅުމެއް ހުރި ކޭސް އެއްތޯ ބަލަމުންދާ ކަމަށެވެ. އުލިގަމުން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވުމާއެކު މިއީ، އަތޮޅުތެރެއިން މީހުން ދިރިއުޅޭ ރަށަކުން ކޮވިޑަށް ޕޮޒިޓިވް ވި ފުރަތަމަ ފަހަރެވެ.

މިކަމާ ގުޅިގެން ޑރ. ނަޒްލާ ވިދާޅުވީ މިފަހުން އަމިއްލަ ކަމަކު މާލެ އައިސް ހުރުމަށްފަހު ކަނޑު ބޯޓެއްގައި އެމީހާ އުލިގަމަށް ދިޔައީ މި މަހުގެ 15 ވަނަ ދުވަހު ކަމަށާއި، އެއާއެކު އެމީހާ ދަތުރުކުރި ބޯޓުން ދަތުރުކުރި އެހެން މީހުން ފޭބި ރަށްތައް ހޯދާ އެ ރަށްތައް ވެސް މޮނިޓަރިން އަށް ގެނެސްފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި އެ ބޯޓު ވަނީ ހއ. އަދި ހދ. ގެ ބައެއް ރަށްރަަށަށް ޖައްސާފައެވެ. މިވަގުތު އުލިގަމް މޮނިޓަރިންގެ ހާލަތުގައި އޮތްއިރު، އެ ބޯޓު ޖެއްސި ހއ. އިހަވަންދޫ، ނޮޅިވަރަންފަރު، ތުރާކުނު އަދި ހދ. ވައިކަރަދޫ ވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހުންނާ ކޮންޓެކްޓް ޓްރޭސްވި 468 ކޮންޓެކްޓެއް ވަނީ ހޯދާފައެވެ. އަދި އެމީހުންގެ ތެރެއިން 242 މީހެއްގެ ސާމްޕަލް ނަގާފައިވައިރު، މި ކޭސްތަކާއި ގުޅޭ 133 ގެއަކާއި އެޕާޓްމަންޓް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

މާލެއިން އެންމެ ފުރަތަމަ ކޮވިޑް19 ގެ ކޭސްއެއް ފެނިފައިވަނީ މިމަހުގެ 15 ވަނަ ދުވަހެވެ. އެއާއެކު މާލެ ލޮކްޑައުން ކޮށް، 14 ދުވަހުގެ ކާފިއު އިއުލާން ކޮށްފައިވާއިރު މިމަހުގެ 15 ވަނަ ދުވަހުގެެ ފަހުން މާލެއިން ރަށްރަށަށް ދަތުރުކޮށްފައިވާ މީހުން އަމިއްލަ އަށް އެކަހެރިވުމަށް އެޗްޕީއޭ އިން ރޭ ވަނީ އަންގާފައެވެ. މާލެއިން ފެނުނު ކޮވިޑް19ގެ 31 ކޭސްއާ އެކު އެ ބައްޔަށް މިހާރު ވަނީ ރާއްޖެއިން ޖުމްލަ 52 މީހަކު ޕޮޒިޓިވް ވެފައެވެ.