ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކޮވިޑް19 އަށް ޓެސްޓު ކުރެވޭ މެޝިނެއް ގެނައުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ކޮވިޑް19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ އެސްޓީއޯގެ ފަރާތުން ކޮވިޑް19 އަށް ޓެސްޓް ހެދުމަށް ބޭނުންވާ މެޝިނެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެމެޝިން އަންނަ މަހުގެ ތެރޭގައި ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ. މީގެ އިތުރަށް އެސްޓީއޯ އިން ދަނީ ކޮވިޑް19 ގެ ޓެސްޓު ކުރެވޭ ކިޓްތައްވެސް އިތުރު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ކޮވިޑް19 އަށް ޓެސްޓު ކުރުމަށް މިހާރުވެސް ޓެސްޓު ކިޓުތައް ރާއްޖޭގައި އެބަހުރި ކަމަށެވެ. އެގޮތުން ލެއިން ޓެސްޓު ހެދުމަށް 500 އެއްހާ ކިޓް ލިބިފައި އެބަހުރި ކަމަށާއި ޕީސީއާރް ޓެސްޓު ކުރެވެން 3500 ކިޓް ރާއްޖޭގައި އެބަހުރި ކަމަށެވެ. އޭގެ އިތުރުން ޗައިނާ އިން ދޭ 20،000 ކިޓާއި ޑަބްލިޔުއެޗްއޯ އިން ދޭ 5،000 ޓެސްޓު ކިޓުވެސް ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ޑަބްލިއުއެޗްއޯ އިން މި މަހުގެ ހަވަނަ ދުވަހުވެސް ރާއްޖެއަށް ވަނީ 5،000 ޓެސްޓު ހެދޭ 50 ކިޓު ރާއްޖެއަށް ހަދިޔާ ކޮށްފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މިހާތަނަށް 4014 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު 3676 މީހުންގެ ސާމްޕަލް ވަނީ ނެގެޓިވްވެފައިވާ ކަމަށް ބުނެފައެވެ.
މާލެއިން އެންމެ ފުރަތަމަ ކޮވިޑް19 ގެ ކޭސްއެއް ފެނިފައިވަނީ މިމަހުގެ 15 ވަނަ ދުވަހެވެ. އެއާއެކު މާލެ ލޮކްޑައުން ކޮށް، 14 ދުވަހުގެ ކާފިއު އިއުލާން ކޮށްފައިވާއިރު މިމަހުގެ 15 ވަނަ ދުވަހުގެެ ފަހުން މާލެއިން ރަށްރަށަށް ދަތުރުކޮށްފައިވާ މީހުން އަމިއްލަ އަށް އެކަހެރިވުމަށް އެޗްޕީއޭ އިން ރޭ ވަނީ އަންގާފައެވެ. މާލެއިން ފެނުނު ކޮވިޑް19ގެ 31 ކޭސްއާ އެކު އެ ބައްޔަށް މިހާރު ވަނީ ރާއްޖެއިން ޖުމްލަ 52 މީހަކު ޕޮޒިޓިވް ވެފައެވެ.