ކޮވިޑް19 އާ ގުޅިގެން މާލެސިޓިގެ ލޮކްޑައުން ކޮށްފައިވާ މި ހާލަތުގައި މާލޭގެ މަގުތަކުގައި ހުއްދަ ނެތި އުޅޭ މީހުން ވަގުތުން ޖޫރިމަނާ ކުރާނެ ކަމަށް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައިރޫޝް ވިދާޅުވީ، މާލޭގެ މަގުތަކުގައި ހުއްދަ ނެތި އުޅޭ މީހުން ވަގުތުން ޖޫރިމަނާކުރަން ފަށާނެ ކަމަށާއި، މީގެފަހުން ފުލުހުން ދެން ނަސޭހަތް ނުދޭނެ ކަމަށެވެ. އަދި ބޭރަށް ނިކުތުމުގެ ހުއްދަ ދީފައިވާ މީހެއް ނަމަވެސް ހުއްދަ ނެތް ސަރަހައްދެއްގައި އުޅޭނަމަ އެކަކު ވެސް މިކަމުގައި އިސްތިސްނާ ނުކުރާނެ ކަމަށް ފައިރޫޝް ވިދާޅުވިއެވެ.

ފައިރޫޝް ވިދާޅުވީ ލޮކްޑައުންގެ މި ހާލަތުގައި ގެތަކަށް ބޭނުންވާ ކާބޯތަކެތި ފޯރު ކޮށްދިނުމަށް އަދިވެސް ޑެލިވަރީގެ ހިދުމަތް އޮންނަން ޖެހޭ ކަމަށާއި، ނަމަވެސް ޒަރޫރީ ބައެއް ބޭނުންތަކަށް ބޭރަށް ނިކުންނަން ކޮންމެވެސް ވަރަކަށް މީހުންނަށް ފުރުސަތު ވެސް ދޭން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

" އަދިވެސް ޑެލިވަރީ ސިސްޓަމް އޮންނަން ޖެހޭ. އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުންނަން ކޮންމެވެސް ވަރަކަށް މީހުންނަށް އެބަ ފުރުސަތު ދޭން ޖެހޭކަން. އެހެންވެ މި ބަދަލު މި ގެނައީ." ފައިރޫޝް ވިދާޅުވިއެވެ.

މާލެސިޓިގެ ލޮކްޑައުންގެ ހާލަތުގައި މާލޭގެ މަގުތަކުގައި ހުއްދަ ނެތި އުޅޭ މީހުން ވަގުތުން ޖޫރިމަނާ ކުރުމަށް ނިންމާފައިވާއިރު، މިދުވަސްވަރު ޒަރޫރީ ހިދުމަތް ހޯދުމަށް ފުލުހުން ދެމުންދާ ހާއްސަ ހުއްދައިގެ ދަށުން ކޮންމެ 3 ދުވަހަކުން 1 ދުވަހު މާލޭގެ ކޮންމެ ގެއަކުން އެކަކަށް ގަޑިއެއް ހާއިރަށް ނުކުތުމުގެ ފުރުސަތު ދެވޭނެ ކަމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައިރޫޝް ވަނީ ވިދާޅުވެފައެވެ.

ފައިރޫޝް ވިދާޅުވީ، ލޮކްޑައުންގެ މި މުއްދަތުގައި ބޭރަށް ނުކުތުމަށް ދެވޭ ހުއްދައަށް ގެނެވުނު ބަދަލާއެކު ސޯޝަލް ޑިސްޓަންސިންއަށް ފަސޭހަވެގެން ދާނެ ކަމަށާއި ޑެލިވަރީ ކުރަމުންދާ ފިހާރަތަކަށްވެސް ލުއި ފަސޭހަކަމެއް ލިބިގެން ދާނެ ކަމަށެވެ. ފައިރޫޝް ވިދާޅުވީ ލޮކްޑައުން ކުރިފަހުން ޒަރޫރީ ބޭނުންތަކުގައި ކުރިންވެސް ބޭރަށް ނުކުތުމުގެ ހުއްދަ ދެމުންއައި ގޮތަށް ވެބް ޕޯޓަލް މެދުވެރިކޮށް ގެއިން ބޭރަށް ދިއުމުގެ ހުއްދަ ދިނުމަށް ހަމަަޖެހިފައިވާ ކަމަށެވެ. ނަމަވެސް މިހާރު ހުއްދަ ލިބިގެން ދާއިރު ކޮންމެ ފަރާތެއްގެ ފޯނަށް ލިބޭ މެސެޖުގައި ހުއްދަ ދެވޭ ވަކި ވަގުތަކާއި ބޭރުގައި އުޅެވޭނެ ވަކި ސަރަހައްދެއް އަންގާނެ ކަމަށްވެސް ފައިރޫޝް ވިދާޅުވިއެވެ. އެގޮތުން ވިޔަފާރި ކުރަން ދެވޭނީވެސް ކަނޑައެޅިފައި ހުންނަ ވަކި ފިހާރަތަކަކަށެވެ.

ހަމައެއާއެކު ފޯނަށް ކިއުއާރް ކޯޑަކާއި ނަންބަރެއް ލިބިގެން ދާނެ ކަމަށާއި އޭގެ ސަބަބުން މަގުމަތި ޕެޓްރޯލް ކުރަން އުޅޭ ފުލުހުންނަށް އެ ކިއުއާރްކޯޑް ސްކޭންކޮށްލައިގެން ފަސޭހަ ކަމާއެކު އެމީހަކަށް މަގުމަތީގައި އުޅެވޭނެ ސަރަހައްދަކާއި ވަގުތު އެނގިގެން ދާނެކަމަށް ފައިރޫޝް ވިދާޅުވިއެވެ. އެގޮތުން ހުއްދަ ލިބިފައި އޮތަސް ދާން ނުޖެހޭ ޒޯނަކަށް އެމީހަކު ގޮސްފިނަމަ ފުލުހުންނަށް އެނގިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ލޮކްޑައުންކޮށްފައި މިދިޔަ ބުދަ ދުވަހު ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވެ، މާލެއިން ގައިންގަޔަށް މި ބަލި ފެތުރެން ފެށުމާ އެކީގައެވެ. ލޮކްޑައުންގެ މި ހާލަތުގައި 2688 ފަރާތަަކަށް ޑެލިވަރީ ކުރުމުގެ ހުއްދަ ދީފައިވީ ނަމަވެސް އެތައް ބަޔަަކަށް ޒަރޫރީ ތަކެތި ލިބުމުގައި ދަތިތަކެއް އުޅޭތީ އެތައް ބަޔަކު އަންނަނީ ޝަކުވާކުރަމުންނެވެ.