ދ. މީދޫއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ތެޔޮ ހުސްވެގެން ކަނޑުމަތީގައި ހާލުގައިޖެހިފައި ވަނިކޮށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މިމަހުގެ 18 ވަނަ ދުވަހުގެ 22:00 ހާއިރު، އދ. އަރިއަދޫއިން ދ. މީދޫއަށް 3 މީހުންނާއެކު ދަތުރު ކުރި ލޯންޗެއް، ފ. ފީއަލި ބޭރުން 7 މޭލު ދުރުގައި އޮއްވާ ތެޔޮ ހުސްވެގެން ހާލުގައި ޖެހިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި ލޯންޗުގައި ދަތުރު ކުރަމުންދިޔައީ 2 ފިރިހެނަކާއި އެއް އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި ލޯންޗުގައި ތިބި މީހުންނަށް އެހީތެރިވުމަށް ފ. އަތޮޅު ޕޮލިސް ލޯންޗް ދަތުރުކޮށް އެ 3 މީހުން ސަލާމަތް ކޮށްފައިވާ ކަމަށެވެ. އަދި އޭރު އެލޯންޗު ތެރެއަށް ފަހަތުން ލޮނުގަނޑު ވަދެ އަޑިޔަށް ދާތީ، އެ ލޯންޗު ސަލާމަތް ކުރުމަށް ފ. ނިލަންދޫ ގައި އޮތް އެމްއެންޑީއެފްގެ ސީ އެމްބިއުލާންށް އިން ޕަންޕު ހިފައިގެން ދަތުރުކޮށް، ލޯންޗާއި ހަމަޔަށް ގޮސް މަސައްކަތް ކުރަމުން ދަނިކޮށް، 01:14 ހާއިރު އެ ލޯންޗުވަނީ އަޑިއަށް ގޮސްފައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ ތިން މީހުން މިހާރުވަނީ ޕޮލިސް ލޯންޗުގައި ފ. ނިލަންދޫއަސް ގެންގޮސްފައި ކަމަށެވެ.