ކޮވިޑް19 އާ ގުޅިގެން ތެދު މައުލޫމާތު ނުދީފި ނަމަ ދާން ޖެހޭނީ ޖަލަށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް މިހެން ވިދާޅުވެފައިވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވި މީހަކު ކަމާ ބެހޭ އިދާރާތަކަށް ތެދު މައުލޫމާތު ނުދޭތީ އެކަމާ ގުޅިގެން ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. ކޮވިޑް19 އަށް މާލެއިން ޕޮޒިޓިވްވި މީހަކާ ބައްދަލުވި މީހުންގެ މައުލޫމާތު ހޯދަން ކުރަމުން އަންނަ މަސައްކަތަށް ތެދު މައުލޫމާތު ނުދޭ މައްސަލައެއް މިހާރު ވަނީ ފެންމަތިވެފައެވެ. މިކަމާ ގުޅިގެން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއޯއީސީ) އިން މިއަދު ބުނީ، ކޮވިޑް19 އާއި ގުޅިގެން ތެދު މައުލޫމާތު ނުދީފިނަމަ އޭނާގެ މައުލޫމާތު އާންމު ކުރާނެ ކަމަށެވެ.

އެކަމާ ގުޅިގެން ޕީޖީ ޝަމީމް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އެމީހާ މައުލޫމާތު ނުދިނަސް އޭނާ ދިޔަ ތަންތަނާއި އޭނާއާ ބައްދަލުވި މީހުންގެ މައުލޫމާތު ފުލުހުންނަށް ހޯދޭނެ ކަމަށެވެ. އަދި އޭނާ ދޭ މައުލޫމާތާއި ފުލުހުންގެ ތަހުގީގަށް ހޯދޭ މައުލޫމާތާއި ދިމާނުވާ ނަމަ، އޭނާގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލި އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ. އަދި މިހާލަތުގައި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ބޮޑެތި ބާރުތަކެއް އޮންނާނެ ކަމަށާއި އެގޮތުން މައުލޫމާތު ނުދޭ މީހުންގެ މައުލޫމާތު ވެސް ހާމަކުރެވިދާނެ ކަމަށށް ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ޝަމީމް ވިދާޅުވީ އޭނާއަށް ދައުވާ ކުރަން ހަމައެކަނި ބޭނުންވާނީ ދޮގު ހެދިކަމުގެ ހެއްކެއް ކަމަށާއި، އެހެންކަމުން އޮތް ހަމައެކަނި ގޮތަކީ ތެދު ތެދަށް މައުލޫމާތު ދިނުން އެހެން ނޫނިއްޔާ ޖަލަށް ދިއުންކަމަށެވެ.

ކޮވިޑް19 އަށް މާލެއިން ޕޮޒިޓިވްވި މީހަކު ކޮންޓެކްޓް ޓްރޭސިންއާ ގުޅޭ ފުރިހަމަ މައުލޫމާތު ނުދިނުމުން އޭނާގެ މައްސަލަވަނީ ފުލުހަށް ހުށަހަޅާފައި ކަމަށް ކޮވިޑް19ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ. މަބްރޫކް ވިދާޅުވީ ފުލުހުންނަށް ހުށަހެޅުމުން ވެސް އެމީހާ މައުލޫމާތު ނުދީފިނަމަ އޭނާގެ ޒާތީ މައުލޫމާތު މިރޭ ހާމަކުރާނެ ކަމަށެވެ.