މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށް ޕާމަނަންޓް ސެކްރެޓަރީ އަކު މިއަދު އައްޔަން ކުރައްވައިފިއެވެ.
ޖެންޑާ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ، ޟައުފިޝާން އަބްދުﷲ ކަމާލުއްދީން އެވެ. ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ޟައުފިޝާން އައްޔަންކުރެއްވީ، މިއަދު ހެނދުނު މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ.
ޟައުފިޝާން ވަނީ 2002 ވަނަ އަހަރުން ފެށިގެން 2020ވަނަ އަހަރާ ހަމައަށް ސިއްހީ ދާއިރާގެ އެކި މަގާމުތައް އަދާކުރައްވާފައެވެ. އެގޮތުން އެންމެ ފަހުން ހުންނެވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ޑިރެކްޓާ ކަމުގެ މަގާމުގައެވެ. އަދި އެ މުއްދަތުގައި، 2016 އިން ފެށިގެން ޒިންމާދަރު އިސްވެރިޔާގެ މަގާމު ވެސް އަދާކޮށްފައި ވެއެވެ.
ޟައުފިޝާން 2000 ވަނަ އަހަރު ޑިޕްލޮމާ އިން ނާސިން، 2002 ވަނަ އަހަރު ބެޗްލާ އޮފް ނާސިން އަދި 2006 ވަނަ އަހަރު މާސްޓާ އޮފް ހެލްތު ސާވިސަސް މެނޭޖްމަންޓް ހާސިލުކުރައްވައިފައިވެއެވެ.