އުލިގަމުން ޓެސްޓް ކުރި މީހާ ސްކްރީނިން ޕޮޒިޓިވް ވެފައި ވާއިރު، އޭނާ ވަނީ ކޮވިޑް19 އަށްވެސް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ ހ. އުލިގަމުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައި ވަނީ ދިވެއްސެއް ކަމަށާއި، އަދި އޭނާ އައިސޮލޭޝަން ފެސިލިޓިއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ކޭސްއަކީ މިހާތަނަށް ޕޮޒިޓިވް ވި މީހުންނާ އެއްވެސް ގުޅުމެއް ހުރި ކޭސް އެއްތޯ ބަލަމުންދާ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. އުލިގަމުން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވުމާއެކު މިއީ، އަތޮޅުތެރެއިން މީހުން ދިރިއުޅޭ ރަށަކުން ކޮވިޑަށް ޕޮޒިޓިވް ވި ފުރަތަމަ ފަހަރެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޮކްޓަރު، ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މިފަހުން އަމިއްލަ ކަމަކު މާލެ އައިސް ހުރުމަށްފަހު ކަނޑު ބޯޓެއްގައި އެމީހާ އުލިގަމަށް ދިޔައީ މި މަހުގެ 15 ވަނަ ދުވަހު ކަމަށާއި އެއާއެކު އެމީހާ ދަތުރުކުރި ބޯޓުން ދަތުރުކުރި އެހެން މީހުން ފޭބި ރަށްތައް ހޯދާ އެ ރަށްތައް ވެސް މޮނިޓަރިން އަށް ގެނެސްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ބޯޓު ވަނީ ހއ. އަދި ހދ. ގެ ބައެއް ރަށްރަަށަށް ޖައްސާފައެވެ. މިވަގުތު އުލިގަމް މޮނިޓަރިންގެ ހާލަތުގައި އޮތްއިރު، އެ ބޯޓު ޖެއްސި ހއ. އިހަވަންދޫ، ނޮޅިވަރަންފަރު، ތުރާކުނު އަދި ހދ. ވައިކަރަދޫ ވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

މާލެއިން އެންމެ ފުރަތަމަ ކޮވިޑް19 ގެ ކޭސްއެއް ފެނިފައި ވަނީ މިމަހުގެ 15 ވަނަ ދުވަހެވެ. އެއާއެކު މާލެ ލޮކްޑައުން ކޮށް، 14 ދުވަހުގެ ކާފިއު އިއުލާން ކޮށްފައިވާއިރު މިމަހުގެ 15 ވަނަ ދުވަހުގެެ ފަހުން މާލެއިން ރަށްރަށަށް ދަތުރުކޮށްފައިވާ މީހުން އަމިއްލަ އަށް އެކަހެރިވުމަށް އެޗްޕީއޭ އިން ރޭ ވަނީ އަންގާފައެވެ. މާލެއިން ފެނުނު ކޮވިޑް19ގެ 31 ކޭސްއާ އެކު އެ ބައްޔަށް މިހާރު ވަނީ ރާއްޖެއިން ޖުމްލަ 52 މީހަކު ޕޮޒިޓިވް ވެފައެވެ.