ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ރާއްޖޭގައި ހަލުވި ކަމާއި އެކު ފެތުރެމުންދާތީ މިހާރުގެ ހާލަތައް ރިއާޔަތްކޮށް އިތުރަށް ވައިރަސް ފެތުރުނަ ނުދިނުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައި ވާކަމަށެވެ.

އެގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން މިއަދުގެ މަގުރިބް ނަމާދުން ފެށިގެން މިމަހުގެ 30 ވާ ބްރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ފަރުޞު ނަމާދާއި ހުކުރު ނަމާދާއި ތަރާވީހް ނަމާދު ޖަމާއަތުގައި މިސްކިތުގައި ނުކުރުމަށް ނިންމާފައި ވާކަމަށް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މި ދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކުން ދޭއިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށާއި މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރިނަމަވެސް ނަމާދުތައް ބަރާބަރަށް އަދާކުރުމަށާއި، ތަރާވީހް ނަމާދު ކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް ގުރުއާން ކިޔަވުމަށް އިސްކަންދިނުމަށެވެ. މާތްﷲގެ ރަހުމަތަށް މާޔޫސްނުވެ، ސަބަބުތަކުގައި ހިފާ، ފުރިހަމައަށް ﷲއަށް ވަކީލުކޮށް ގިނަގިނައިން ދުއާކޮށް، އިސްތިއުފާރު ކުރުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.