އުލިގަމުން ޓެސްޓް ކުރި މީހާގެ ސްކްރީނިން ޕޮޒިޓިވް ކަމަށާއި އަދި ކޮވިޑް ޓެސްޓް ކުރާނެ ކަމަށް އެންއީއޯސީން ބުނެފިއެވެ. ކޮވިޑް ޓެސްޓް ކުރުމަށް ފަހު ނަތީޖާ ޕޮޒިޓިވް ވެއްޖެ ނަމަ އެކަން ހާމަ ކުރާނެ ކަމަށްވެސް އެންއީއޯސީން ބުނެއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އޭނާގެ ސްކްރީނިން އިން ބައްޔަށް ޕޮޒިޓިވް ވެފައި ވާއިރު، ކޮންފަމޭޝަން ޓެސްޓު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޮކްޓަރު، ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ސްކްރީނިން އިން ޕޮޒިޓިވް ވެފައި ވަނީ އުލިގަމު މީހެއް ކަމަށެވެ.

އަދި މިފަހުން، އަމިއްލަ ކަމަކު މާލެ އައިސް ހުރުމަށްފަހު ކަނޑު ބޯޓެއްގައި އެމީހާ އުލިގަމަށް ދިޔައީ މި މަހުގެ 15 ވަނަ ދުވަހު ކަމަށާއި އެއާއެކު އެމީހާ ދަތުރުކުރި ބޯޓުން ދަތުރުކުރި އެހެން މީހުން ފޭބި ރަށްތައް ހޯދާ އެ ރަށްތައް ވެސް މޮނިޓަރިން އަށް ގެނެސްފައިވާ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވީއެވެ.

އެ ބޯޓު ހއ. އަދި ހދ. ގެ ބައެއް ރަށްރަަށަށް ޖައްސާފައި ވާކަމަށް ވަނީ އެނގިފައިވެއެވެ. މިވަގުތު އުލިގަމް މޮނިޓަރިންގެ ހާލަތުގައި އޮތްއިރު، އެ ބޯޓު ޖެއްސި ހއ. އިހަވަންދޫ، ނޮޅިވަރަންފަރު، ތުރާކުނު އަދި ހދ ވައިކަރަދޫ ވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

އޭނާގެ ފުރަތަމަ ޓެސްޓް ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު، އޭނާއަކީ ބަލިޖެހިފައިވާ މީހެއް ކަމަށް ކަނޑައަޅާނީ ދެވަނަ ޓެސްޓުގެ ނަތީޖާއަށް ބެލުމަށްފަހުއެވެ. އޭނާގެ ދެވަނަ ސާމްޕަލް ވެސް ޕޮޒިޓިވް ވެއްޖެނަމަ، މި ކޭސް ވެގެންދާނީ، އަތޮޅުތެރޭން މީހުން ދިރިއުޅޭ ރަށަކުން ޕޮޒިޓިވްވި ފުރަތަމަ ކޭސް އަށެވެ.

މާލެއިން އެންމެ ފުރަތަމް ކޭސް އެއް ފެނިފައި ވަނީ މިމަހުގެ 15 ވަނަ ދުވަހެވެ. އެއާއެކު މާލެ ލޮކްޑައުން 14 ދުވަހުގެ ކާފިއު އިއުލާނުކޮށްފައިވާއިރު މިމަހުގެ 15 ވަނަ ދުވަހުގެެ ފަހުން މާލެއިން ރަށްރަށަށް ދަތުރުކޮށްފައިވާ މީހުން އަމިއްލަ އަށް އެކަހެރިވުމަށް އެޗްޕީއޭ އިން ރޭ ވަނީ އަންގައިފައެވެ. މާލެއިން ފެނުނު ކޮވިޑް-19ގެ 31 ކޭސްއާ އެކު އެ ބައްޔަށް މިހާރު ވަނީ ރާއްޖެއިން ޖުމްލަ 51 މީހަކު ޕޮޒިޓިވް ވެފައެވެ.