ކޮވިޑާ ގުޅިގެން ސަރުކާރުން ހިންގާ ކޮންޓެކްޓް ޓްރޭސިން އަށް މައުލޫމާތު ނުދޭ މިހަކު އެބަހުރި ކަމަށާއި މިރޭގެ ޕްރެސްއާ ހަމައަށް އެމީހާ މައުލޫމާތު ނުދީފިނަމަ އެމީހާގެ ވަނަވަރު ހާމަ ކުރާނެ ކަމަށް ކޮވިޑް-19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މަބްރޫކް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގައި ފުރިހަމަ އެއްބާރުލުން ނުދީ ހުރި މީހެއްގެ ފަރާތުން އެ މައުލޫމާތު ހޯދުމަށް ފުލުހުން މަސައްކަތްކުރަމުން އަންނަކަމަށާއި މިގޮތުންވެސް އެ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ނުދީފި ނަމަ މިރޭގެ ވަގުތެއްގައި އެ މީހާގެ ޒާތީ މައުލޫމާތު އާންމު ކުރާނެކަމަށެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކޭސް 21 އާއި ގުޅޭ ފަރާތަކުން ރަނގަޅަށް މައުލޫމާތު ދެމުން ނުދާކަމަށް ފާހަގަކުރެވޭކަމަށާއި އެކަމާއި ގުޅިގެން އިތުރަށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
"އަޅުގަނޑުވެސް ފާހަގަކޮށްލަން ބޭނުން ޑޮކްޓަރު އެ ވިދާޅުވި ގޮތަށް އަޅުގަނޑުމެންނަށް ފުރިހަމަ އެއްބާރުލުން ނުލިބި ހުރި މީހަކުވާ ކަމަށް ކޮންޓްކްޓްރޭސިންގެ މަސައްކަތް ކުރާ ޓީމުން ވަނީ އަޅުގަނޑުމެންނަށް މައުލޫމާތު ދީފައި، އަދި އެމީހާގެ ގާތުން އެ މައުލޫމާތު ސާފުކުރުމަށް ފުލުހުން މިހާރު ގެންދަނީ މަސައްކަތް ކުރަމުން. މި ގޮތުންވެސް އެކަށީގެންވާ އެެއްބާރުލުން ނުލިބިއްޖެނަމަ މިރޭގެ ޕްރެސްގެ ކުރިން އެމީހާ ބެހޭ ޒާތީ މައުލޫމާތު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އޭނާގެ ޒާތީ މައުލޫމާތު ހާމަކުރާނެ އިނގޭތޯ" މަބުރޫކް
އާންމު ސިއްހަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް، ނުރައްކާތެރި ހާލަތެއްގައި ބައްޔެއް ޖެހިފައިވާ މީހެއްގެ ނަން ހާމަކޮށް، އާންމުކޮށް އިއުލާނު ކުރުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ނިންމަވައި އެއަށް އަމަލު ކުރަން ފަށާފައިވަނީ އިއްޔެއެވެ.
މި ގަވައިދުގެ (ށ)ގެ ދަށުން، މީހެއްގެ ނަން ހާމަ ކުރުމަކީ މުހިންމު ކަމެއް ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަަށް ފެނި، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް އެކަން ކުރުމުގެ ބާރު ލިބެއެވެ. ނަން ހާމަ ކުރުމުގެ އުސޫލުގެ ދަށުން، ބައްޔެއް ޖެހިފައިވާ މީހާގެ ނަން ހާމަ ކުރުމުގެ ކުރިން ބައެއް ކަންކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ރިއާޔަތް ކުރަން ޖެހެއެވެ.
އެގޮތުން، ނަން ހާމަ ކޮށްގެން ބަލި ކޮންޓްރޯލް ކުރުމުގެ ފުރުސަތު އޮތް މިންވަރަށް ބެލުމާއި ހާމަ ކުރުމުން ނިކުންނާނެ ނަތީޖާ އާއި ނަން ހާމަ ކުރުމުން މުޖުތަމައު އަށާއި އޭނާއާ ގުޅުުންހުރި މީހުންނަށް ކުރާނެ ނޭދެވޭ އަސަރު އަދި ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އޮތް ފުރުސަތަށް ބަލަން ޖެހޭ ކަމަށް އުސޫލުގައި ވެއެވެ. މީގެ އިތުރުން، ނަން ހާމަ ކުރާ ފަރާތުގެ އެއްބާރުލުން ދޭ މިންވަރަށްވެސް ބެލުމަށް އުސޫލުގައި ވަނީ ބަޔާން ކޮށްފައެވެ.
ކީއްވެތޯ މިރެއަށް ތި މަޑުކުރައްވަނީ މިރެއާއި ހިސާބަށް ކިތައް މީހުނަށް ނޭނގެ އޭނާގެ ސަބަބުން ވައިރަސް އަރާނެތޯ ލަސް ނުކުރައްވާ ސިޔާސީ ކިތައްމެ ބޯޑުމީހެއްގެ ގުޅުން ހުރި މީހަކަސް ހާމަ ކުރައްވާ