ޕޮޒިޓިވް ވި މީހުންގެ ތެރޭގައި އޭސީ މަރާމާތު ކުރާ މީހުންނާއި ޑެލިވަރީ ކުރާ މީހުން ހިމެނޭ ކަމަށް އެންއީއޯސީން ބުނެފިއެވެ.
ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑރ. ފާތުމަތު ނަޒްލާ ރަފީގު ވިދާޅުވީ ޕޮސިޓިވްވި އިންޑިއާގެ ދެމީހުންނަކީ ބްރައިޓް ބްރަދާސްގައި މަސައްކަތް ކުރާ އޭސީ މަރާމާތު ކުރުމުގެ ހިދުމަތް ދޭ ދެ ޓެކްނީޝަނުން ކަމަށެވެ. އެ ދެމީހުން ބައެއް ގޭގޭގެ އޭސީ ސާވިސް ކުރުމަށް ގޮސްފައިވާ ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ. އެކަމާ ގުޅިގެން އެމީހުން ދިޔަ ބައެއް ގޭގެ މިހާރު ހޯދިފައިވާ ކަމަށާއި އަދި ބައެއް ގޭގެ ދެނެގަންނަން މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އަދި މިއަދު ޕޮޒިޓިވްވި ލިލީގައި މަސައްކަތް ކުރާ 14 ބިދޭސީންނަކީ ޑެލިވަރީގެ އެކި މަސައްކަތާއި ފިހާރާގައި މަސައްކަތްކުރާ ފަރާތްތައްކަން މަބްރޫކް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ވިދާޅުވީ އެ އެންމެން ދިރިއުޅެމުން އަންނަނީ އެއް އިމާރާތެއްގައި ހުންނަ ދެ ފަންގިފިލާގައި ކަންވެސް ފާހަގަވެފައިވާ ކަމަށެވެ.
މާލެއިން މި ބައްޔަށް ޕޮޒީޓިވްވި ފުރަތަމަ ކޭސް ފެނިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ވޭތުވެ ދިޔަ 5 ދުވަސްތެރޭ މާލެއިން ޖުމްލަ 51 މީހަކު މިބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވް ވި އެންމެ ގިނަ މީހުން ފެނިފައި ވަނީ މިއަދެވެ. ހަމައެކަނި މިއަދުވެސް ކޮވިޑަށް 16 މީހަކު މިވަނީ ޕޮޒިޓިވް ވެފައެވެ.
މިދިޔަ ބުދަ ދުވަހު މާލެއިން ފުރަތަމަ ކޭސް ފެނިފައިވާއިރު ބުރާސްފަތި ދުވަހު ވަނީ އިތުރު 2 ކޭސް ފެނިފައެވެ. އެއަށްފަހު ހުކުރު ދުވަހު އިތުރު 5 ފަރާތެއް މިބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، އިއްޔެ ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައިވާ 8 ފަރާތެއް ވަނީ ފެނިފައެވެ. އަދި މިއަދު 16 ފަރާތެއް ފެނުމާއެކު މި ބައްޔަށް މާލެއިން ޕޮޒިޓިވްވެފައިވާ މީހުންގެ މިވަނީ 32 އަށް އަރާފައެވެ.