ހއ އަތޮޅު އުލިގަމުގައި ކޮވިޑަށް ޝައްކު ކުރެވޭ މީހަކު ހުރެގެން ޓެސްޓް ހަދާ ރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފިއެވެ.

"ދަ ޕްރެސް" އަށް އެނގިފައި ވާގޮތުގައި އޭނާއަކީ މާލޭގެ ގާކޮށި ފްލެޓުގައި ދިރިއުޅުނު މީހެއް ކަމަށާއި، ރަށަށް ދިޔަ އިހަވަންދޫ ބޯޓު އެއަތޮޅު އިހަވަންދޫ، ހޯރަފުށި ތުރާކުނު އަދި ދިއްދުއަށްވެސް ދަތުރު ކޮށްފައިވާކަން ވަނީ އެނގިފައެވެ. އޭނާ ރަށަށް ދިޔައީ ޑިންގީއެއްގައި އިތުރު މީހަކާ އެކުގައެވެ.

ކުރިން ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި އޭނާ މާލެ ހުރި ގާކޮށި ފްލެޓުގެ މީހަކު ހިމެނޭކަންވެސް ވަނީ އެނގިފައެވެ.

އުލިގަމުން ޝައްކު ކުރެވޭ މީހާގެ ޓެސްޓް ހަދާފައި ވާއިރު، ނަތީޖާ ޕޮޒިޓިވް ކަމަށް ބުނެ އެއަތޮޅުގެ ބައެއް ރަށްރަށުގައި މިހާރު ދަނީ ވާހަކަ ދެކެވެމުންނެވެ. ނަމަވެސް އެޗްޕީއޭއިން މިކަން އަދި އިއުލާނު ނުކުރާތީ ބައެއް ރައްޔިތުން އެކަން ގަބޫލު ނުކުރާ ކަމަށްވެސް "ދަ ޕްރެސް" އަށް ވަނީ އެނގިފައެވެ.

ރާއްޖެއިން ކޮވިޑް-19 ފެނި ގައިންގަޔަށް ބަލި އަރަން ފެށީން ސުރެ މި ވީ 3 ދުވަހެއްގެ ތެރޭގައި 15 މީހަކު ޕޮޒިޓިވް ވި ކަމަށް ވަނީ އިއުލާން ކޮށްފައެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ ތެރޭގައި ހާހުން މައްޗަށް މީހުން ހިމެނޭ އިރު އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ.

ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސް ވީ މީހުންނަށާއި، ކުޑަކުދިންނަށް ކަމަށް ދިރާސާތަކުން ދައްކައެވެ.

ރާއްޖޭގައި ކޮވިޑް-19، 35 މީހަކަށް ޖެހުނު އިރު 16 މީހަކު ވަނީ ރަނގަޅު ވެފައެވެ.