ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ، އެ ބަލީގެ ނުރައްކަލުގައި އޮތުމަށްފަހު ޝިފާ ލިބި ރަނގަޅުވި މީހުންގެ އަދަދު 6 ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ.

ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮވިޑް-19އިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 600323 އަށް އަރާފައެވެ.

މި ބަލިން އެންމެ ގިނަ ބަޔަކު ރަނގަޅުވިކަމަށް ރިޕޯޓްކޮށްފައިވަނީ ޖަރުމަނުވިލާތުންނެވެ. ޖަރުމަނުވިލާތުން 88000 މީހަކު ރަނގަޅުވެފައިވާކަމަށް ރިޕޯޓްކޮށްފައިވާއިރު، ދެން އެންމެ ގިނަ ބަޔަކު ރަނގަޅުވެގެން ރިޕޯޓްކޮށްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 77062 މީހަކު ރަނގަޅުވިކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. ސްޕެއިންއިން 74797 މީހަކު ރަނގަޅުވިކަމަށް ރިޕޯޓްކޮށްފައިވާއިރު އެމެރިކާއިން 68285 މީހަކު ރަނގަޅުވިކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 210 ގައުމަކާ ސަރަހައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2.3 މިލިއަނަށްވުރެ މައްޗަށް އަރާފައެވެ. މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ 1572099 ކޭހެވެ. މީގެ ތެރެއިން 55271 މީހެއްގެ ހާލު ސީރިއަސް/ކްރިޓިކަލް ޚަބަރު ލިބެއެވެ.

ކޮވިޑް-19ގެ ޝިކާރައަކަށްވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 160818 އަށް އަރާފައެވެ.