މާލެ ލޮކްޑައުން ކުރުމާ ގުޅިގެން ގެ ބަދަލު ނުވެވި ތިބި އާއިލާ އަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފުލުހުން ބުނީ މާލެ ލޮކްޑައުން ކުރުމާ ގުޅިގެން، ގެ ބަދަލު ބުނެވި ތިބި އާއިލާއަކަށް އެސްއޯ ފުލުހުން އެހީތެރިކަން ފޯރުކޮށްދީ ހިފާގެންގުޅޭ ތަކެތި އުފުލައިދީފައި ވާކަމަށެވެ.

މާލެ ސަރަހައްދަށް ލޮކްޑައުން އިއުލާނު ކުރުމާ ގުޅިގެން އާއިލާއަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައި ވާއިރު، މިދާކަށް ދުވަހު ފުލުހުންނަށް ޝުކުރު އަދާކޮށް މީހަކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އޭނާ ޑައިލަސިސް ހެދުމަށް ހޮސްޕިޓަލަށް ނުދެވިގެން އުޅެނިކޮށް ފުލުހުން އޭނާއަށް އެހީތެރިވެދީފައިވާ ކަމަށެވެ. އަދި ފުލުހުންގެ މަސައްކަތުން ހިތްވަރުން ލިބިގެން ގޮސްފިކަމަށެވެ.

މީގެ އިތުރުން މައްޗަންގޯޅި ދެކުނު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް މަމްނޫން ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ އޭޑީކޭގައި އޮތް ބައްޕަޔަށް ކާއެއްޗެހި ގެންދާނެ އެއްވެސް ގޮތެއް ނެތިގެން ގޭ ކައިރިން ދިޔަ ފުލުސް މީހާ ކައިރީ އެދުނީމައި ވަގުތުން ކާއެއްޗެހި ހިފައިގެން ނިކުތުމަށް އެދުނު ކަމަށާއި ޕޮލިސް ކާރުގައި އޭނާ ގޮވައިގެން، ގޮސް ބައްޕައަށް ކާއެއްޗެހި ފޯރުކޮށްދީފައި ކަމަށެވެ.

ފުލުހުންގެ މިފަދަ ހިދުމަތްތަކުން މުޅި ސޯޝަލް މިޑިއާގައި އާންމުން ފުލުހުންނަށް ޝުކުރު އަދާކޮށް ކޮށްފައިވާ ޕޯސްޓްތައް ދަނީ ދައުރުވަމުންނެވެ. އެ ޕޯސްޓުތަކުން ރައްޔިތުންގެ ހިތްތަކުގައި ދިވެހި ފުލުހުންނަށް އޮތް ލޯތްބާއި އިހުތިރާމް އެނގިގެން ދެއެވެ.