މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮއްވައި މަގުތަކަށް ނިކުމެ އުޅުނު 39 މީހަކު ޖޫރިމަނާ ކޮށްފިއެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވީ ލޮކްޑައުންގައި މިހާތަނަށް މަގުތަކަށް ނިކުމެ އުޅުނު 39 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. ޖޫރިމަނާ ކޮށްފައި ވަނީ 1000 ރުފިޔާ އިންނެވެ.

ފުލުހުން އިއްޔެ ވަނީ މާލޭގެ މަގުތަކަށް ނިކުމެ އުޅުނު 92 މީހަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އޭގެ ކުރީ ދުވަހު ވަނީ 70 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމުން ދިއުމާ ގުޅިގެން ސަރުކާރުން ވަނީ 14 ދުވަހުގެ މުއްދަތަކަށް މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަށް ގެނެސްފައެވެ.

މީގެ އިތުރުން ޒަރޫރީ ބޭނުމެއް ނެތި މަގުތަކަށް ނިކުމެ އުޅޭ މީހުން ޖޫރިމަނާ ކުރުމުގެ އިތުރުން ކަރަންޓީނަށް ވެސް ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.