މާލޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރޭގައި ދޮށީއުމުރުގެ މީހުން އެބަތިބި ކަމަށް ކޮވިޑް-19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މާލޭގައި ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ އުމުރުން 30 އަހަރާއި 40 އަހަރާ ދެމެދުގެ މީހުން ކަމަށާއި އުމުރުން ދިވަސްވީ މީހަކު ޕޮޒިޓިވްވި މީހުންގެ ތެރޭގާއި ނެތްކަމަށެވެ. ނަމަވެސް ކޮންޓެކްޓް ޓްރޭސިންގެ ތެރޭގައި ދޮށީ އުމުރުގެ މީހުން އެބަ ތިބި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މާލޭގައި ޕޮޒިޓިވްވެފައި ވާ 14 ކޭސް ފެނިފައިވާ އިރު އެ ކޭސްތައް ބެހިފައިވަނީ ތިން ކްލަސްޓާއަކަށް ކަަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ޕޮޒިޓިވްވި މީހުންގެ ތެރޭގާއި ހިމެނެނީ 7 އަންހެނަކާއި 3 ކުޑަކުދިންނާއި 4 ފިރިހެނުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ޕޮޒިޓިވްވި އަންހެނުންނަކީ 37 އަހާރުގެ ތިން އަންހެނަކާއި 33 އަހަރުގެ އަންހެނަކާއި 24 އަހަރުގެ އަންހެނަކާއި 35 އަހަރުގެ އަންހެނަކާއި 42 އަހަރުގެ އަންހެނެކެވެ. ޕޮޒިޓިވްވި ކުޑކުދިންގެ ތެރޭގައި ހިމެނެނީ 2 އަހަރުގެ ކުއްޖަކާއި، 15 އަހަރުގެ ކުއްޖަކާއި، 8 އަހަރުގެ ކުއްޖެކެވެ. އަދި ޕޮޒިޓިވްވި 4 ފިރިހެނުންގެ ތެރޭގައި ހިމެނެނީ 32 އަހަރާއި، 37 އަހަރާއި، 47 އަހަރު އަދި 46 އަހަރުގެ ފިރިހެނެކެވެ.

މިހާތަނަށް ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 34 އަކަށް އަރާފައެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން މާލެއިން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 14 އަށް އަރާފައެވެ. މާލޭގައި ގައިންގައަށް މިބަލި ފެތުރެމުންދާތީ އެލާތް ސްޓޭޓަސް ރެޑް ލެވްަލް 4 އަކަށް މަތިކޮށް މުޅި ރާއްޖެ ވަނީ ލޮކްޑައުން ކޮށްފައެވެ.