މާލެ ލޮކްޑައުންކޮށްފައިވާ އިރު މިއަދު މާލެ، ވިލިމާލެ، ހުޅުމާލެ ސަރަަހައްދުން މަގުމަތީގައި އުޅުނު 92 ފަރާތެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެޗްޕީއޭގެ އެންގުމާ ހިލާފަށް މިއަދު މަގުމަތީގައި އުޅުނު 92 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އަދި އެކަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

ރޭ ހަތް މިނެޓް ތެރޭގައި 74 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.

ފުލުހުން ބުނެފައިވަނީ، މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރު، ބޭރަށް ނިކުމެ އުޅޭ ފަރާތްތަކާ މެދު އެޅުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ބޭރުގައި އުޅޭނަމަ ނަސޭހަތްތެރިވުމަށްފަހު ގެއަށް ނުފޮނުވާ، ޖޫރިމަނާ ނުވަތަ ހައްޔަރު ކުރާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ. ބޭރުގައި އުޅެނިކޮށް ފެންނަ ފުރަތަމަ ފަހަރު އެޗްޕީއޭން ކަނޑައަޅާފައިވާ 1000 ރުފިޔާގެ ޖޫރިމަނާ ކުރާނެ ކަމަށާއި ދެވަނަ ފަހަރަށް ފެންނަ މީހުން ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި، ދައުލަތުގެ އެހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ގާނޫނުގެ ދަށުން ހައްޔަރު ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި ވަނީ މި ސަރަހައްދުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދިއުމާ ގުޅިގެންނެވެ. އެ ގޮތުން މާލެ ސަރަހައްދު ވަނީ މިހާރު އެލާޓް ލެވެލް "ރެޑް" އަށް މަތިކޮށްފައެވެ.

މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާ އިރު، ފާއިތުވި 4 ދުވަހުގެ ތެރޭގައި ކޮވިޑް-19 އަށް 15 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.