ނޭޕާލް އަދި ބަންގްލަދޭޝްގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންގެ ތެރެއަށް ރާއްޖެއަށް އައުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދިފައިވާ ދަރިވަރުން މިމަހުގެ 20 ވަނަ ދުވަހު ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ނޭޕާލާއި ބަންގްދަލޭޝުން ގެންނަ ދިވެހިންގެ ތެރޭގައި ހިމެނެނީ ނޭޕާލުން އަންނަ 18 ދިވެހިންނާއި، ބަންގްލަދޭޝްއިން އަންނަ 51 ދިވެހިން ކަމަށެވެ. މި މީހުން ރާއްޖެއަށް ގެންނަނީ ދިވެހި ސަރުކާރާ ބަންގްލަދޭޝްގެ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، އެގައުމުގެ އަސްކަރީ މަތިންދާބޯޓެއްގައި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމަތުދެއެވެ.

އެ މިނިސްޓްރީން ބުނީ، މިމަތިންދާބޯޓުން ރާއްޖެއަށް ގެނައުމަށްޓަކައި، ނޭޕާލުގައި ތިބި 18 ދިވެހިން އާދިއްތަ ދުވަހު ނޭޕާލުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ދަތުރުކުރާނެ ކަމަށެވެ. އަދި މި ފްލައިޓުން ރާއްޖެއަށް އަންނަ ދިވެހިން ތިބީ ބަންގްލަދޭޝްގެ އެކި ހިސާބުތަކުގައިކަމުން، އެމީހުން ވެރިރަށް ޑާކާއަށް ގެންދިޔުމުގެ މަސައްކަތް އިއްޔެއިން ފެށިގެން ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ދަނީ ކުރަމުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ފމިކަމަށް މަގުފަހިކުރުމަށްޓަކައި ބަންގްލަދޭޝްގެ ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު ގިނަ މަޝްވަރާތަކެއް ވަނީ ކުރެވިފައި ކަމަށެވެ. އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރަށް 2 ފަހަރެއްގެ މަތިން ގުޅުއްވައި، މަޝްވަރާކުރައްވާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ބަންގްލަދޭޝްއިން އަންނަ ފްލައިޓްގައި ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށް އެގައުމުގެ މެޑިކަލް ޓީމެއްވެސް ރާއްޖެއަށް އައުމަށް ވަނީ ހަމަޖެހިފައެވެ. މި ޓީމަކީ 10 މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމެކެވެ. މީގެ އިތުރުން ބަންގްލަދޭޝްއިން ރާއްޖެއަށް 100 ޓަނުގެ އެހީގެ ތަކެތި ހިފައިގެން އަންނަ އެގައުމުގެ އަސްކަރީ މަނަވަރު މިފެށޭ ހަފްތާގެ ތެރޭގައި މާލެއަށް ބަނދަރު ކުރާނެއެވެ.