މާލެ އިން ކޮވިޑް-19 ގައިންގަޔަށް ފެތުރެމުންދާތީ މާލެ ސަރަައްދު ލޮކްޑައުން ކުރުމާ ގުޅިގެން، އައިޖީއެމްއެޗްގެ 8 ކްލިނިކަކުން ހިދުމަތް ދޭން ނިންމައިފިއެވެ.
މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ އެކު މިދިޔަ ބުރާސްފަތި ދުވަހާއި މިއަދު އެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓުންނަށް ދެއްކުމާއި އެހެނިހެން ކްލިނިކްތަކުން ދެމުންދިޔަ ހިދުމަތް ނުދޭ ގޮތަށް ވަނީ ނިންމާފައެވެ. މިއަދާ ހަަމައަށް އައި އިރު އެކި ބަލިތަކަށް ފަރުވާ ކުރަމުންދާ ފަރާތްތައް ހިދުމަތް ހޯދުމަށް ގުޅަމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
އައިޖީއެމްއެޗުން ބުނީ، މާދަމާއިން ފެށިގެން އެ ހޮސްޕިތަލުހެ 8 ކްލިނިކަކުން އޮންލައިންކޮށް ހިދުމަތް ދިޮނުމަށް ހުޅުވަން ނިންމާފައިވާ ކަމަށެެވެ. އެ ގޮތުން އެއިން ކޮންމެ ކްލިނިކަކުން ދުވާލަކު 10 މީހުންނާއި 15 މީހުންނާއި ދެމެދުގެ އަދަދަކަށްވާ މީހުންނަށް ހިދުމަތް ދޭނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
މާދަމާ 8 ކްލިނިކެއް ހުޅުވަން ނިންމާފައިވާ އިރު، އެ ކްލިނިކްތަކުގެ ޚިދުމަތް ލިބޭނީ ކޮންމެ ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހުއެވެ. އެ ކްލިނިކުން ހިދުމަތް ދޭނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށްވެސް އައިޖީއެމްއެޗުން ބުނެއެވެ.
އައިޖީއެމްއެޗްގައި މާދަމާ ހުޅުވާ އޮންލައިން ކްލިނިކްތަކުގެ ތެރޭގައި ނާރުގެ ބަލިތަކާ ބެހޭ ޑިޕާޓްމެންޓާއި، ހިތުގެ ބަލިތަކާ ބެހޭ ޑިޕާޓްމެންޓާއި، އާންމު އޮޕަރޭޝަންތަކާ ބެހޭ ޑިޕާޓްމެންޓާއި ކެންސަރު ބަލިތަކާ ބެހޭ ޑިޕާޓްމެންޓް ހިމެނެއެވެ. މީގެ އިތުރުން އެތެރެހަށީގެ ބަލިތަކާ ބެހޭ ޑިޕާޓްމެންޓާއި، ފުއްޕާމޭގެ ބަލިތަކާ ބެހޭ ޑިޕާޓްމެންޓާއި، ކިޑްނީގެ ބަލިތަކާ ބެހޭ ޑިޕާޓްމެންޓް އަދި ކުޑަކުދިންގެ ބަލިތަކާ ބެހޭ ޑިޕާޓްމެންޓް ހިމެނެއެވެ.
އައިޖީއެމްއެޗުން ބުނީ، މި ކްލިނިކްތަކުގެ ޚިދުމަތް ދޭން ފެށީ ލޮކްޑައުން ދުވަސްވަރު ބަލި މީހުންނަށް ފަރުވާ ދިނުމުގައި ގިނަ ދަތިތަކެއް ހުރުމުން ކަމަށެވެ. އޮންލައިން ކްލިނިކްތަކުގެ ހިދުމަތް ހޯދާ އިރު، ބޭނުން ކުރަމުން އަންނަ ނަންބަރެއް އެ ހޮސްޕިޓަލާ ހިއްސާ ކުރަން އައިޖީއެމްއެޗުން އެދެއެވެ.
މާދަމާ 8 ކްލިނިކެއް ހުޅުވުަމށް އައިޛީއެމްއެޗުން ނިންމާފައިވާ އިރު މިދިޔަ ބުރާސްފަތި ދުވަހު ދެ ކްލިނިކެއް ވަނީ ހުޅުވާފައެވެ. އެއީ އަނހެނުންގެ ބަލިތަކާ ބެހޭ ކްލިނިކާއި ނަފްސާނީ ބަލިތަކާ ބެހޭ ކްލިނިކެވެ. އެގޮތުން އަންހެނުންގެ ބަލިތަކާ ބެހޭ ކްލިނިކްގެ ހިދުމަތް ލިބޭނީ ހެނދުނު 8:30 ން މެންދުރު 12:00 އަށެވެ. ނަފްސާނީ ބަލިތަކާ ބެހޭ ޑިޕާޓްމެންޓު ހުޅުވާފައި ހުންނާނީ ހެނދުުނު 10:00 އިން މެންދުރު 12:00 އަށެވެ.