ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށް، ޑެލިވަރީގެ ހިދުމަތް ދެމުންދާ މި ދަނޑިވަޅުގައި ޑެލިވަރީ ކުރާ މީހާ އަމަލުކުރަން ޖެހޭ 10 އުސޫލެއް އާންމުކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ޔޫތު މިނިސްޓްރީ ގުޅިގެެން ޑެލިވަރީ ކުރާ މީހާ އަމަލުކުރަން ޖެހޭ އުސޫލުތަަކުގެ ތެރޭގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކާއި އަންގި މަސައްކަތް ކުރާ ހުރިހާ ވަގުތެއްގައިވެސް ބޭނުން ކުރަން ޖެހޭނެ ކަމަށް ބުނެއެވެ. މަސައްކަތް ނިންމުމަަށްފަހު ރައްކާތެރިކަމާއެެކު މާސްކާއި އަންގި ނައްތާލުމަށާއި، ޑެލިވަރީ ކޮށްދޭނީ ކޮންމެ ގެއެއްގެވެސް ގްރައުންޑް ފްލޯއާ ހަމައަށް ކަމަށް އެ އުސޫލުތަކުގައި ހިމެނެއެވެ.

ހަމައެއާއެކު ޑެލިވަރީ ކުރާ މުދާ އަތުން އަތަށް ދިނުމުގެ ބަދަލުގައި ގްރައުންޑް ފްލޯގައި ބެހެއްޓުން އަދި ޑެލިވަރީ ކުރުމަށްފަހު އެތަނެއްގައި މަޑުނުކުރުމަށް ވެސް އެ އުޅުގައި އަންގާފައިވެއެވެ. މަސައްކަތް ކުރުމުގައި އިޖްތިމާއީ ގައިދުރުކަމަށް ކޮންމެހެންވެސް އިސްކަން ދިނުން ލާޒިމްކޮށް ވޮލެންޓިއަރުން ނުވަތަ ކޮންޓެކްޓްވާ އެއްވެސް މީހެއްގެ ހުމާއި ރޯގާގެ އަލާމާތެއް ހުރެއްޖެނަމަ މަސައްކަތަށް ނުނިކުމެ ރިޕޯޓް ކުރުމަށްވެސް ޑެލިވަރީ ކުރާ މިހާ ޖެހޭނެއެވެ.

މީގެ އިތުރުން އެ އުސޫލުގައި ވާ ގޮތުގައި، ކޮންޓެކްޓް ޓްރޭސިން ހަދަމުންދާއިރު އެއިން އެއްވެސް ފަރާތަކާ ކޮންޓެކްޓްވެފައިވާ ނަމަ މަސައްކަތަށް ނުނިކުމެ ރިޕޯޓް ކުުރުމާއި، މޮނިޓަރިން ނުވަތަ ކަރަންޓީނުގެ ހާލަތުގައިވާ އެއްވެސް ގެއަކަށް ނުވަތަ މީހަކަށް ޑެލިވަރީ ނުކުރުމަށްވެސް އަންގާފައި ވެއެވެ. އަދި ޑެލިވަރީ ކުރުމުގައި މަސައްކަތް ކުރަންޖެހޭނީ އެކަނި ކަމަށާއި ޑަބަލް ޝީޓްކޮށްގެން ޑެލިވަރީ ނުކުރުމަށާއި، އަމިއްލަ ގޭގައި އެއްވެސް މީހެއްގެ ފަރާތުން ރޯގާގެ އަލާމާތެއް ހުރިނަމަ އަދި ރޯގާ ޖެހި ބަލިވެ އުޅޭނަމަ މަސައްކަތަށް ނުނިކުތުމަށް ވެސް އެ އުސޫލުގައި ވެއެވެ.

ފުލުހުން މިހާރު ވަނީ ޑެލިވަރީއަށް ހުއްދަ ދީފައިވާ ފިހާރަތަކަށް 24 ގަޑިއިރު ޑެލިވަރީ ކުރުމުގެ ހިދުމަތް ދިނުމުގެ ހުއްދަ ދީފައެވެ. އަދި ކެފޭ، ރެސްޓޯރަންޓްތަކަށް ހެނދުނު 08:00 ފެށިގެން ރޭގަނޑު 11:00 އަށް ޑެލިވަރީ ކުރުމުގެ ފުރުސަތު ދީފައެވެ.